ތައިލެންޑުގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދިތާ އެންމެ ތިން ދުވަސް ފަހުން، އިރާގުގެ ބައިނަލްއަގުވާމީ ބޮޑީބިލްޑަރު ސަޖާދު ޖަވާދު މަރުވެއްޖެއެވެ.

އުމުރުން އެންމެ 30 އަހަރުގައި ސަޖާދު މަރުވުމާ ގުޅިގެން އިރާގުގެ ކުޅިވަރު ސަޕޯޓަރުންނަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ.

އިރާގުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަޖާދު މަރުވިކަން އެ ގައުމުގެ ބޮޑީބިލްޑިން އެންޑް ފިޓްނަސް ފެޑެރޭޝަން (އައިބީއެފްއެފް) އިން އިއުލާނުކުރީ ބުރާސްފަތި ދުވަހުއެވެ. އައިބީއެފްއެފްގެ ބަޔާނަކާ ހަވާލާދީ އިރާގީ ނިއުސް އެޖެންސީން ބުނީ، އިރާގުގެ ބައިނަލްއަގުވާމީ ބޮޑީބިލްޑިން ޗެމްޕިއަން ސަޖާދު ޖަވާދު ވަކިވެދިޔުމަކީ މުޅި ކުޅިވަރަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

ފެޑެރޭޝަނުގެ ރައީސް ފާއިޒު އަބްދުލް ހަސަން އާއި އެ އިދާރާގެ މެންބަރުން ވަނީ މަރުވި ޗެމްޕިއަންގެ އާއިލާއަށާއި އެކުވެރިންނަށް ތައުޒިޔާ ފޮނުއްވާފައެވެ. ނަމަވެސް، ސަޖާދު މަރުވާން މެދުވެރިވި ސަބަބެއް ނުވަތަ މަރުވި ގޮތުގެ އެއްވެސް ތަފުސީލެއް ފެޑެރޭޝަނުގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

ފަހުގެ މުބާރާތުން ސަޖާދު ހޯދި ރަން މެޑަލްއާ ގުޅިގެން އިރާގުގައި ބޮޑު އުފާފާޅުކުރުމެއް ކުރިއަށްދިޔައެވެ. މީގެ ކުރިން މި މުބާރާތުގައި ވާދަކޮށް 90 ކިލޯގެ ކެޓަގަރީން އޭނާއަށް ލިބުނީ 11 ވަނައެވެ. އެހެންކަމުން މިފަހަރުގެ ކާމިޔާބީ ވެގެންދިޔައީ ގައުމީ ފެންވަރުގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަކަށެވެ.

އިރާގުގެ ގައުމީ މީޑިއާތަކުން ބުނާ ގޮތުގައި، ކުރު މުއްދަތެއްގެ ކުޅިވަރު ހަޔާތެއްގައި ސަޖާދު ވަނީ ގައުމީ އަދި ބައްރުގެ ފެންވަރުގެ އެކި މުބާރާތްތަކުގައި ވާދަކޮށް، އިރާގު ފަޚުރުވެރިކަމާއެކު ތަމްސީލުކޮށްދީފައެވެ.

މުބާރާތް ކާމިޔާބުކުރުމަށްފަހު ސަޖާދު ސޯޝަލް މީޑިއާގައި ހިއްސާކުރި އެންމެ ފަހުގެ ޕޯސްޓަށް އެތައް ސަތޭކަ ބަޔަކު ވަނީ ކޮމެންޓުކޮށް، އޭނާގެ ކުއްލި މަރާ ގުޅިގެން ހައިރާންކަން ފާޅުކޮށްފައެވެ. މިގޮތުން، "މި ޚަބަރުން އަހަރެންގެ ހިތް ހަލާކުވެއްޖެ،" ކަމަށް ހައިދަރު ވަލީދު ނަމަކަށް ކިޔާ މީހަކު ކޮމެންޓުކޮށްފައިވާއިރު، ގައުމީ ފެންވަރުގައި ފާހަގަކުރި އުފާވެރިކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިތާމައަކަށް ބަދަލުވެގެން ދިޔަ ގޮތާމެދު އިތުރު އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.