ކުރިއަށް އޮތް 2027 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގައި ބައިވެރިވާ "ޓީމް ބިލެތްފަހި" އަށް ށ. ބިލެތްފަހީ ކައުންސިލުން 53،500 ރުފިޔާގެ ފައިސާގެ އެހީއެއް ދީފިއެވެ.

މި ފައިސާގެ އެހީ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ.

Ad
rt

މި އެހީއާ ގުޅޭގޮތުން ބިލެތްފަހީ ކައުންސިލްގެ ރައީސް ހުސައިން ފުއާދު "ތިލަދުން" އަށް ވިދާޅުވީ، މިއީ މުބާރާތުގައި ވާދަކުރާއިރު ޓީމުން ކުރަންޖެހޭ އެންމެ ބޮޑެތި ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އަދި މިއީ މިހާތަނަށް ކައުންސިލަށް ފޯރުކޮށްދެވެން އޮތް އެންމެ ބޮޑު މާލީ އެހީތެރިކަން ދިނުމުގެ މަގުސަދުގައި ނިންމި ނިންމުމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބިލެތްފަހީ ޓީމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، މީގެ ކުރިން ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބިލެތްފަހިން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

މީގެއިތުރުން، ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު، އަތޮޅު ފެންވަރުގައި ވާދަކޮށް ކާމިޔާބު ހޯދޭނެ ފަދަ މޮޅު ޓީމެއް މިހާރު އުފެދިފައިވާ ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ވާދަވެރިކަން އުފެއްދުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހިތްވަރު ދިނުމަކީ ކައުންސިލުން އަބަދުވެސް އިސްކަންދޭ ކަމެކެވެ.

ހަމައެއާއެކު ރަށަކީ ކުށްމަދު ވެއްޓެއްގެ ގޮތުގައި ގާއިމުކުރުމަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކަށް ކައުންސިލުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.