އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން، ޢުމްރާގެ އަޅުކަމާއި އިސްލާމީ ތަޢުލީމީ ތަޖުރިބާ ހޯދުމަށް ކުރިއަށްގެންދާ ދަތުރުގައި ބައިވެރިވާ 19 ބޭފުޅުންގެ ވަފުދެއް ސަޢޫދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.

އިސްލާމީ ވުޒާރާއިން ބުނިގޮތުގައި މި ދަތުރަކީ ސަޢޫދީ ޢަރަބިއްޔާގެ ހެޔޮއެދޭ މުއައްސަސާއެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދަތުރެކެވެ.

Ad
rt

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ތާރީޚާއި، ދީނީ ތަޢުލީމާއި، އިސްލާމީ މުއައްސަސާތައް ހިންގުމާ ގުޅޭގޮތުން ބައިވެރިންގެ ޢިލްމީ މަޢުލޫމާތު އިތުރުކުރުމެވެ. މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ފާހަގަކޮށްލެވޭ ދީނީ، ތަޢުލީމީ އަދި ތާރީޚީ މުއައްސަސާތަކުން ޢިލްމީ އަދި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ބައިވެރިންނަށް ފަހިކޮށްދިނުންވެސް މި ދަތުރުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ދަތުރުގައި ރާއްޖޭގެ އެކި ދާއިރާތަކާއި ތަޢުލީމީ އަދި ދަޢުލަތުގެ މުއައްސަސާތައް ތަމްސީލުކުރާ ބައިވެރިން ހިމެނެއެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޒަކާތު ހައުސްއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުން ޒުވާން ޚަޠީބުން މި ވަފުދުގައި ބައިވެރިވެއެވެ. އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި، ޛިކްރާ ކޮލެޖާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ސިވިލް ސަރވިސް ކޮމިޝަން އަދި އެވިޑް ކޮލެޖުގެ ފަރާތުންވެސް ބައިވެރިން ވަނީ ފުރާފައެވެ.

ތަޢުލީމީ މި ޕްރޮގްރާމްގެ ދަށުން، ސަޢޫދީ ޢަރަބިއްޔާގެ މުހިންމު އިސްލާމީ މުއައްސަސާތަކަށާއި ތާރީޚީ ތަންތަނަށް ބައިވެރިން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މައްކާގައި ހޭދަކުރާ މުއްދަތުގައި، އުއްމުލް ޤުރާ ޔުނިވަރސިޓީއާއި، ކުއްލިއްޔަތުލް ޙަރަމިލް މައްކިއްޔިއްޝަރީފާއި، މަސްޖިދުލް ޙަރާމްގެ ކުތުބުޚާނާގެ އިތުރުން ޙައްޖުގެ މުހިންމު މާތް ބިންތަކަށް ޒިޔާރަތްކުރުން އޮންނާނެއެވެ.

ހަމައެއާއެކު މަދީނާއަށް ކުރާ ޒިޔާރަތުގައި، މަސްޖިދުއްނަބަވީގެ އިތުރުން ކީރިތި ރަސޫލާ ﷺ ގެ ސިޔަރަތާ ބެހޭ ބައިނަލްއަޤްވާމީ ދާރުލްއާޘާރަށާއި، ކީރިތި ޤުރްއާނާ ބެހޭ ދާރުލްއާޘާރަށާއި، މަދީނާގެ އެކި ދާރުލްއާޘާރުތަކަށް ދިއުމަށް ވަނީ ރޭވިފައެވެ. މީގެއިތުރުން، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ދެ މައިދާން ކަމަށްވާ ބަދުރާއި އުޙުދުގެ މައިދާނަށްވެސް ބައިވެރިން ޒިޔާރަތްކުރާނެއެވެ.

މި ޒިޔާރަތްތަކުގެ މައިގަނޑު ބޭނުމަކީ އިސްލާމީ ޙަޟާރަތާއި، އިސްލާމްދީނުގެ ތާރީޚާއި އުޞޫލުތަކުގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާއިން ތަޢުލީމީ އަދި މުއައްސަސާވީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި ޕްރޮގްރާމްގެ ސަބަބުން ބައިވެރިންގެ ދީނީ ޢިލްމު އިތުރަށް މުއްސަނދިވެ، އެބޭފުޅުންގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އިޖުތިމާޢީ ޒިންމާތައް އަދާކުރުމުގައި ބޭނުންހިފޭނެ އަގުހުރި ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

މި ފަދަ މުހިންމު ފުރުޞަތެއް ފަހިކޮށްދިނުމުގައި ސަޢޫދީ ޢަރަބިއްޔާގެ އެހީތެރިވި ޖަމުޢިއްޔާއިން ދެއްވި އަގުހުރި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ ވުޒާރާއިން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ތަޢުލީމީ އަދި ދީނީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.