އިސްރާއީލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ދާދިފަހުން ވަދެގަތް އަވަށެއްގައި، ފަލަސްތީނުގެ އުމުރުން 72 އަހަރުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.
ޖެރިކޯ ކައިރީގައި އޮންނަ އަލްދީޔޫކް އަލްތަހްތާ އަވަށުގައި ހޯމަ ދުވަހުގެ ހަވީރު ހިނގި މި ހަމަލާގައި އިތުރު ބަޔަކު ވެސް ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފަލަސްތީނުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޝަހީދުވެފައިވަނީ ފަދްވާ އަލްފަހީދާތު ނަމަކަށް ކިޔާ އަންހެނެކެވެ. ޖެރިކޯގެ ހޮސްޕިޓަލެއްގެ ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އޭނާ ޝަހީދުވީ ބޮލަށް ޖެހި ބަޑީގެ ވަޒަންތަކުގެ ސަބަބުންނެވެ. އޭނާ ގޭގެ ބޭރުގައި ހުއްޓައި ބަޑިޖެހި ޚަބަރު ލިބުމާއެކު، އޭނާގެ ފިރިހެން ދަރިފުޅު ކާރުގައި އެ ސަރަހައްދަށް ދިޔަ ވަގުތު، ގޭގެ ބޭރުގައި ޕާކުކޮށްފައި އޮތް ހުސް އިސްރާއީލު ވެހިކަލެއްގައި ޖެހި އެކްސިޑެންޓްވި ކަމަށާއި، ކައިރީގައި ތިބި ވަޒަންވެރިންތަކަކަށް އަނިޔާވި ކަމަށް ފަލަސްތީނުގެ މަސްދަރުތަކުން ބުނެއެވެ. އެއާއެކު ވަޒަންވެރިން ވަނީ ވަރުގަދައަށް ބަޑީގެ ހަމަލާތައް ދޭން ފަށައިފައެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ ބަޔަކު އިސްރާއީލު ވެހިކަލަކަށް އަމާޒުކޮށް ބާރު ސްޕީޑުގައި ކާރުން ޖެއްސުމަށްފަހު، ހަތިޔާރާއެކު ކާރުން ފައިބައި އިސްރާއީލު މީހުންނަށް ހަމަލާދީ ގެއްލުން ދީފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެމީހުންނާ ދިމާއަށް އުކި ހިލަތަކުގެ ނުރައްކާ ކަނޑުވާލުމަށް އިސްރާއީލު މީހުން ރައްދުގައި ބަޑިޖެހީ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އިސްރާއީލުގެ ބަޔާނުގައި އަންހެނަކު މަރުވި ވާހަކަ ހިމަނާފައެއް ނުވެއެވެ. މި ހާދިސާގައި އިސްރާއީލާއި ފަލަސްތީނުގެ އިތުރު ބަޔަކު ޒަޚަމްވެފައިވާއިރު، ތުހުމަތުކުރެވޭ މީހުން ހޯދުމަށް އިސްރާއީލުގެ ސަލާމަތީ ބާރުތައް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް އައިޑީއެފުން ބުންޏެވެ.
އަލްދީޔޫކް އަލްތަހްތާ އަވަށަކީ ފަލަސްތީނިއަން އޮތޯރިޓީގެ ފުރިހަމަ ކޮންޓްރޯލް އޮންނަންޖެހޭ ސަރަހައްދެއް ނަމަވެސް، އިސްރާއީލުގެ ސަލާމަތީ ކޮންޓްރޯލް އޮންނަ ސަރަހައްދުގައި ހިމެނޭ އެ އަވަށުގެ 8 ގެއަކަށް ސިއްރު މުއާމަލާތްތަކަކަށްފަހު މިދިޔަ ނޮވެމްބަރު 4 ގައި ވަޒަންވެރިން ވަނީ ވަދެގެންފައެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އެ ހުރިހާ ވަޒަންވެރިވުންތަކަކީ ޣައިރުޤާނޫނީ ކަންކަމެވެ. އިސްރާއީލުގެ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބީތްސެލެމް އިން ބުނި ގޮތުގައި، އެ އަވަށުގައި ވަޒަންވެރިން ހިންގާ ހަމަނުޖެހުންތަކާއި، ބިރުދެއްކުމާއި، ބިންތައް ފޭރުމުގެ ކަންކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އައު ވަޒަންވެރިންގެ ހިމާޔަތުގައި އިސްރާއީލު ސިފައިން އެ ސަރަހައްދުގައި ފޯރިމަރަމުންދާއިރު، ހަތިޔާރު އަޅައިގެން ތިބޭ ވަޒަންވެރިން ކުއަޑް ބައިކްތަކުގައި ދުއްވައި ފަލަސްތީނު ރައްޔިތުންނަށް އިންޒާރު ދެމުންދާ ކަމަށް ރައްޔިތުންނާއި އެކްޓިވިސްޓުން ބުނެއެވެ.
މީގެ އިތުރުން ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ބައިތުލަޙްމުގެ ދެކުނުގައި އޮންނަ ތުޤޫ އަވަށުގެ މައި މަގުގައި ޔަހޫދީ ވަޒަންވެރިއަކު ދުއްވި ވެހިކަލަކުން ޖައްސައި ފަލަސްތީނުގެ އަށް މީހަކު ވަނީ ޒަޚަމްކޮށްލައިފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން އެއީ ޓްރެފިކް އެކްސިޑެންޓެއް ކަމަށް ބުނި ނަމަވެސް، ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން އެކަން ސިފަކުރީ "ޓެރަރިސްޓް ހަމަލާއެއް" ގެ ގޮތުގައެވެ. އެ ވުޒާރާއިން ބުނީ ޑްރައިވަރު ވެހިކަލުން ޖެއްސީ ކުރިން ހިނގި އެކްސިޑެންޓެއްގެ ސަރަހައްދަށް އެއްވެ ތިބި ފަލަސްތީނު މީހުންގެ ގައިގައި ކަމަށެވެ.
ހަމަ އެ ދުވަހު، ހުޅަނގު އައްސޭރީގައި އިސްރާއީލު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ސިވިލް އެޑްމިނިސްޓްރޭޝަނުން ވަނީ އުތުރު ޖޯޑަން ވާދީން 28 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް، ޖަނަވާރު ހުއިހައްޕަން ނުވަ ވަޒަންވެރިއަކަށް ދޫކޮށްފައެވެ. އިސްރާއީލުގައި ވަޒަންވެރިވުމާ ދެކޮޅަށް މަސައްކަތްކުރާ 'ޕީސް ނައު' ޖަމާއަތުން ބުނީ، ވަޒަންވެރިންނަށް މިފަދަ ބޮޑެތި ބިންތައް ދިނުމަކީ ފަލަސްތީނު މީހުން ބިމުން ނެރެލުމަށާއި ހުޅަނގު އައްސޭރީގައި ހިންގާ ޖަރީމާތަކަށް ސީދާ އެއްބާރުލުން ދިނުން ކަމަށެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން، ހުޅަނގު އައްސޭރީގައި ވަޒަންވެރިވުންތައް ބިނާކުރާ އިސްރާއީލުގެ އަށް ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށް އިނގިރޭސި ސަރުކާރުން އަންގާރަ ދުވަހު ވަނީ ހާމަކޮށްފައެވެ. މިއީ ދެ ދައުލަތުގެ ހައްލަށް ހުރަސްއެޅޭ ގޮތަށް ވަޒަންވެރިވުންތައް ފުޅާކުރުމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް މިލިބޭންޑް ސެޕްޓެމްބަރު މަހު ވެވަޑައިގެންނެވި ވަޢުދަށްފަހު އެޅި ފުރަތަމަ ފިޔަވަޅުތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!