ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އާބާދީތައް ބިނާކުރަމުންދާ އިސްރާއީލުގެ އަށް ކުންފުންޏަކަށާއި، ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ހުރަސްއެޅި އެކްޓިވިސްޓް ހަރަކާތަކާ ދެކޮޅަށް އިނގިރޭސިވިލާތް (ޔޫކޭ) އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

ޔޫކޭ ސަރުކާރުން ބުނެފައިވާ ގޮތުގައި، އިމާރާތްކުރުމާއި ޕްރޮޕަޓީ ޑިވެލޮޕްމަންޓްގެ ދާއިރާގައި ހަރަކާތްތެރިވާ މި އަށް ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މައިގަނޑު މަގުސަދަކީ، އެ ކުންފުނިތަކަށް ލިބޭ ފައިސާގެ ދައުރުވުން ހުއްޓުވައި، ހުޅަނގު އައްސޭރީގައި އިތުރަށް އާބާދީތައް ބިނާކުރުމަށް އެ ފަރާތްތަކަށް އޮތް ގާބިލުކަން ނައްތާލުމެވެ.

Ad
rt

މި ފިޔަވަޅުތަކުގެ އަމާޒަކަށް ވެފައިވާ އިސްރާއީލުގެ އެކްޓިވިސްޓް ހަރަކާތަކީ، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދިޔަ ގާފިލާތަކަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ހުރަސްއަޅާފައިވާ ހަރަކާތެކެވެ.

އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި، މި ފިޔަވަޅުތަކަކީ "ދެ ދައުލަތުގެ ހައްލަށް ހުރި ނުރައްކާތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށާއި"، އަދި "ޣައްޒާގެ އިންސާނީ ކާރިސާ ފުންވަމުންދާއިރު ޔޫކޭއިން އެކަމަށް ބަލަން ނޯންނާނެކަން ހާމަކޮށްދިނުމުގެ" ގޮތުން އަޅާފައިވާ ފިޔަވަޅުތަކެކެވެ.

އަންގާރަ ދުވަހު މި ފިޔަވަޅުތައް ރަސްމީކޮށް އިއުލާނުކުރައްވަމުން އިނގިރޭސި ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑް ވިދާޅުވީ، ދެ ދައުލަތުގެ ހައްލު ހިމާޔަތްކުރުމަކީ "މި ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު މިސްރާބު" ކަމަށެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލުން ޔަހޫދީ އާބާދީތައް ފުޅާކުރުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމާއި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާއި ބިރުދެއްކުންތައް އިތުރުވަމުން ދާތީ، މިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިނގިރޭސި ސަރުކާރަށް ދިޔައީ ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންނެވެ.

އދ. އާއި ބައިނަލްއަގުވާމީ ގިނަ ގައުމުތަކަކުން ދެ ދައުލަތުގެ ހައްލަށް ފުރިހަމައަށް ތާއީދުކުރި ނަމަވެސް، ޔަހޫދީ އާބާދީތައް ހުއްޓުމެއްނެތި ފުޅާކުރަމުން ދިއުމުގެ ސަބަބުން އެ ހައްލު ހާސިލުވުމުގެ ފުރުސަތު ކުޑަވަމުންދާ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.