ށ. ފޭދޫގެ މަގުތަކުގައި ސޯލާ ލައިޓު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.
ފޭދޫ ކައުންސިލުން ޢާންމުކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި މަސައްކަތަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އޮތީ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ އިތުރުން، ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމާޢަތްތަކަށް މި ބީލަމުގައި ބައިވެރިވެވޭނެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވުމަށް ޚާއްޞަ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 15 ނޮވެމްބަރ 2026 ގެ 13:00 އިން ފެށިގެން 18 ނޮވެމްބަރ 2026 ގެ ނިޔަލަށް ޚާއްޞަ މައިކްރޮސޮފްޓް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
ބީލަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 22 ނޮވެމްބަރ 2026 ގެ 14:00 ގެ ކުރިން ކައުންސިލްގެ އީމެއިލް އެޑްރެސް projects@feydhoo.gov.mv އަށް ފޮނުވުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މި ޕްރޮޖެކްޓާ ގުޅޭ މަޢުލޫމާތު ކަރުދާސް ކައުންސިލްގެ ވެބްސައިޓުން (feydhoo.gov.mv) މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ބީލަން ވަޒަންކުރާނެ މިންގަނޑުތައް އެ ކަރުދާހުގައި ހިމެނިފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މަސައްކަތުގެ ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 24 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފޭދޫ ކައުންސިލް އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނުވަތަ ޕްރޮޖެކްޓް ނަންބަރު، އަދި ކޮން ކަމަކަށް ހުށަހަޅާ އަންދާސީހިސާބެއްކަން ސާފުކޮށް އެނގެން އޮންނަންވާނެ ކަމަށް ކައުންސިލުން ހާމަކުރެއެވެ.
މީގެއިތުރުން، ކަނޑައެޅިފައިވާ އުޞޫލުން ބޭރުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެކަން ހާމަކޮށް ކައުންސިލުން ބުނީ، އީމެއިލް އަދި ފެކްސް މެދުވެރިކޮށް ފޮނުވާ ބީލަންތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!