ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ސަރުކާރާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ ސަރޙް ގްރޫޕް ފޮރ ޓެކްނިކަލް ސަރވިސަސް އެލްއެލްސީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ޚިދުމަތް ހިމެނޭ ގޮތަށް ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިޤްތިޞާދީ މައި މަރުކަޒެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި އެސްޓީއޯގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމް ސޮއިކުރެއްވި އިރު، ސަރޙް ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާއެވެ.
ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީއަށް ނިސްބަތްވާ ސަރޙް ގްރޫޕަކީ، 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. އިހަވަންދިއްޕޮޅު މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ޒަމާނީ ބަނދަރަކާއި ގުޅުންހުރި އެންމެހައި ވަޞީލަތްތައް ހިމެނޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައެވެ.
މި މަޝްރޫޢުގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރަކާއި، މެރިޓައިމް އަދި ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ އިތުރުން ފަތުރުވެރިކަމާއި އެހެނިހެން ޚިދުމަތްތައް ހިމެނެއެވެ. އިންޓަރނޭޝަނަލް މެރިޓައިމްގެ މައި މަގެއް ކަމުގައިވާ 8-ޑިގްރީ ޗެނަލްއާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ އިސްތިރާޖީ ސަރަޙައްދުގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް އެންމެ އެކަށޭނަ އެއް ސަރަޙައްދު ކަމަށް ސަރުކާރުން ދެކެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ޤައުމާ މުޚާތަބުކުރައްވައި ވެވަޑައިގެންނެވި ވަޢުދެކެވެ. މީގެ އިތުރުން "ވިޝަން 2040" ގެ ދުރު ރާސްތާ އިޤްތިޞާދީ ތަޞައްވުރުގެ ދަށުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އެޅޭ މުހިންމު ބިންގަލެއްގެ ގޮތުގައިވެސް މި މަޝްރޫޢު ފާހަގަކުރެވެއެވެ.
ފާއިތުވި އަހަރުތަކުގައި އެކި ސަރުކާރުތަކުން އިހަވަންދިއްޕޮޅު ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ މި ސަރުކާރުން އެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް އިޤްތިޞާދީ ވުޒާރާއިން ބުންޏެވެ. އަދި މި އެއްބަސްވުމުގެ ދަށުން މިހާރު ހަމަޖެހިފައިވަނީ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރުމެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިޤްތިޞާދީ ޙަރަކާތްތައް އިތުރުވެ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވިޔަފާރީގެ ވިއުގައިގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ. ސަރުކާރުގެ އެންމެ އިސް އަމާޒަކީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކޮށް، ދިވެހި އިޤްތިޞާދަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބޭނެހެން މަޝްރޫޢު ކުރިއަށް ގެންގޮސް، 2040 އާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!