އެއްވެސް ގެއްލުމެއް ނުދީ އެމެރިކާގެ އަސްކަރީ ޑްރޯނެއް އީރާނުން އަތުލައިގެންފި

ހޮރުމުޒު ކަނޑުއޮޅި ކައިރިން އެމެރިކާގެ އަސްކަރީ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް އަތުލައިގެންފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ކަނޑުގެ ސިފައިން ހޯމަ ދުވަހު އިއުލާނުކޮށްފިއެވެ. އީރާނުން ހާމަކުރި ގޮތުގައި އެ ގައުމުގެ ބާރުގެ ދަށަށް ގެނެސްފައިވަނީ އެމެރިކާގެ "އެމްކިއުއެމް-170" މަރުކާގެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) އެކެވެ.

Ad
rt

އައިއާރްޖީސީގެ ނޭވީ ޕަބްލިކް ރިލޭޝަންސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ޑްރޯން ހިފަހައްޓާފައިވަނީ ހޮރުމުޒު ކަނޑުއޮޅީގެ އުތުރު ފަރާތުގައި އޮންނަ ގޭޝްމް ޖަޒީރާގެ ދެކުނު ސަރަހައްދުންނެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިލެކްޓްރޯނިކް ހަނގުރާމައިގެ ވަސީލަތްތައް ބޭނުންކޮށްގެން، ޑްރޯންގެ ފްލައިޓް ގައިޑަންސް ސިސްޓަމްގެ ކޮންޓްރޯލް އަތުލައިގަތުމަށް ފަހު، އެއްވެސް ގެއްލުމެއް ނުވާނޭހެން ބިމަށް ތިރިކޮށްގެން ކަމަށް އެ އިދާރާއިން ބުންޏެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި މި ޑްރޯން އެ ސަރަހައްދުގައި ދަތުރުކުރީ އީރާނުގެ އައްސޭރިފަށުގެ ވައިގެ ދިފާއީ ނިޒާމުތަކާއި އިލެކްޓްރޯނިކް ވަސީލަތްތައް ދެނެގަނެ ފާރަލުމަށެވެ.

އައިއާރްޖީސީން ބުނެފައިވާ ގޮތުގައި، މިއީ އެ ފޯސްގެ އިލެކްޓްރޯނިކް ވޯފެއާ އެންޑް ޑްރޯން ކޮމާންޑުން އެއްވެސް ގެއްލުމެއް ނުދީ އަތުލައިގަތް މި ބާވަތުގެ ހަތަރުވަނަ އެމްކިއުއެމް-170 ޑްރޯނެވެ. އަދި މިއީ ހޮރުމުޒު ކަނޑުއޮޅީގެ ސަރަހައްދުން އެ ފަރާތުގެ ވައިގެ ދިފާއީ ޔުނިޓުތަކުން ސަލާމަތުން ހުއްޓައި ހިފެހެއްޓި އެމެރިކާގެ ޖުމްލަ އަށްވަނަ ޑްރޯން ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން އަދި އެއްވެސް މައުލޫމާތެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މީގެ ކުރިން، ނޮވެމްބަރު މަހުގެ ކުރީކޮޅު ވެސް ޑްރޯންތަކެއް އަތުލައިގެންފައިވާ ކަމަށް ބުނެ އީރާނުން ދެއްކި ވާހަކަތައް އެމެރިކާގެ އޮފިޝަލުން ވަނީ ދޮގުކޮށްފައެވެ.

އެމެރިކާގެ ގްރިފޮން އެއަރޯސްޕޭސް ކުންފުނިން އުފައްދާ 'އެމްކިއުއެމް-170 އައުޓްލޯ' އަކީ ނިސްބަތުން ކުޑަ، އަދި އަގުހެޔޮ ޑްރޯނެކެވެ. މިއީ މައިގަނޑު ގޮތެއްގައި އަސްކަރީ ތަމްރީނުތަކުގަޔާއި އެކި ބާވަތުގެ އާލާތްތައް ޓެސްޓުކުރުމަށް ވައިގެ އަމާޒެއްގެ ގޮތުގައި ބޭނުންކުރާ އުޅަނދެކެވެ. މީގެ އިތުރުން ލުއި ޖާސޫސީ ކަންކަމަށާއި އޮޅުވާލުމުގެ އުކުޅުތަކަށް ވެސް މި ޑްރޯން ބޭނުންކުރެވެއެވެ. މިއީ އާރުކިއު-170 ސެންޓިނަލް ނުވަތަ އެމްކިއު-9 ރީޕާ ފަދަ ޖާސޫސީ މަތީ ފަންތީގެ ނުވަތަ ހަމަލާދޭ ޒަމާނީ ޑްރޯންތަކާ އަޅާބަލާއިރު އަސްކަރިއްޔާއިން އާންމުކޮށް ގެއްލިދާނެ ކަމަށް ބަލައިގެން ބޭނުންކުރާ އާދައިގެ ސިސްޓަމެކެވެ.

މި އުޅަނދު ހިފެހެއްޓި ކަމަށް އީރާނުން ބުނެފައި މިވަނީ ހޮރުމުޒު ކަނޑުއޮޅީގައި އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، ކަނޑުދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އެމްކިއު-1، އެމްކިއު-9 އަދި ލޫކަސް އެޓޭކް ޑްރޯންތަކާ ދެކޮޅަށް އިލެކްޓްރޯނިކް ހަމަލާތައް ދީ ހިފަހައްޓާ ކަމަށް އީރާނުން ބުނަމުންދާއިރު، އެ ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ތެޔޮ ޓޭންކަރުތަކަށް ކަނޑުމައިނާއި މިސައިލް ހަމަލާތައް އަމާޒުވެ، ބައިނަލްއަގުވާމީ ވިޔަފާރި ދަތުރުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.