މި ދުވަސްވަރު އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާގެ ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވަމުންދާތީ، އެކަމުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ގޮތުގައި އާދައިގެ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާއަކީ އަލާމާތްތައް އެއްގޮތް ނަމަވެސް މުޅިން ތަފާތު ދެ ވައިރަހަކުން ޖެހޭ ދެ ބައްޔެކެވެ. އަދި އާދައިގެ ރޯގާއަކާ އަޅާބަލާއިރު އިންފްލުއެންޒާއިން ކުރާ އަސަރު މާ ބޮޑުވާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އިންފުލުއެންޒާ ޖެހިއްޖެނަމަ، ހާއްސަކޮށް ކުޑަކުދިންގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން 5 އަހަރުން ދަށުގެ ކުދިންނަށް މި ބަލި ޖެހިއްޖެނަމަ ބަލީގެ ހާލަތު ސީރިއަސްވުން އެކަށީގެންވާ ކަމަށާއި، ވަކިން ހާއްސަކޮށް 2 އަހަރުން ދަށުގެ ކުދިންގެ ހާލަތު އިތުރަށް ނާޒުކުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ.
ހުން އައިސް ރޯގާޖެހޭ ކުޑަކުދިންގެ ފަރާތުން ފެންނަ ނުރައްކާތެރި އަލާމާތްތަކަށް ސަމާލުވުމަށް އެދެމުން އެޗްޕީއޭއިން ބުނީ، ކުޑަކުދިން 6 ގަޑިއިރު ނުވަތަ 8 ގަޑިއިރު ވަންދެން ކުޑަކަމު ނުދެވިއްޖެނަމަ އެއީ ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ.
މީގެއިތުރުން، ކުއްޖާ މާބޮޑަށް ވަރުދެރަވުމާއި ވަރުބަލިކަން އިހުސާސްވުމުގެ އިތުރުން، ގާތުން ކިރުބޯ ކުދިން ރަނގަޅަށް ކިރު ނުބުއިން ފަދަ އަލާމާތެއް ފެނިއްޖެނަމަވެސް ފަރުވާކުޑަނުކޮށް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައިވެއެވެ.
އެހެންކަމުން މި ދުވަސްވަރު ފެތުރެމުންދާ މި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!