ހދ. ނެއްލައިދޫގައި ހަކުރުބައްޔަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ސެޝަނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އާއި ނެއްލައިދޫ ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި، މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު (14 ނޮވެމްބަރު 2026) ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:30 ގައެވެ. މި ބައްދަލުވުން އޮންނާނީ ނެއްލައިދޫ ޕްރީސްކޫލްގައެވެ.
ނެއްލައިދޫ ކައުންސިލުން ބުނީ މި ސެޝަން ނަންގަވައިދެއްވާނީ އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު، މުޙައްމަދު ނަޒީފް ކަމަށެވެ.
މީގެއިތުރުން، ހަކުރުބަލީގެ ދުވަހާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ "މޯލްޑިވްސް ސްވިމް ފޮރ ޑައެބެޓިސް" ގެ ނަމުގައި ޤައުމީ ފެތުމުގެ ޚާއްޞަ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
އެ ހޮސްޕިޓަލުން މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ 2026 ނޮވެމްބަރު 11 ވާ ބުދަ ދުވަހުގެ ހެނދުނުއެވެ. އެ އިވެންޓުގައި ފެތުމުގެ އިތުރުން ހަކުރުބައްޔާ ބެހޭ ގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!