ޤައުމީ ފެންވަރުގައި އިޙުތިރާމު އަދާކުރުމުގެ މަޝްރޫޢު ފެށުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތަށްފަހު، ހަވާ އެރުވުން އޮންނާނެކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ރަސްމިއްޔާތާ ގުޅިގެން ކުރިއަށްގެންދާ ހަވާ އަރުވުން އޮންނާނީ މިރޭ 09:40 އާއި 10:30އާ ދެމެދުގައެވެ. އަދި މި ހަވާއެރުވުމުގެ ހަރަކާތް ގާތްގަނޑަކަށް ތިން މިނެޓުގެ ވަގުތުކޮޅަކަށް ދެމިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ބަޔާންކުރެއެވެ.
ޤައުމީ ފެންވަރުގައި އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގެ މާފަންނު ޓްރެކް ސަރަޙައްދުގައެވެ. މި މުހިންމު މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެކަކު އަނެކަކަށް ޤަދަރާއި އިޙުތިރާމު ކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އަށަގެންނެވުމެވެ. މީގެއިތުރުން، ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މި ރަނގަޅު އާދަ ހަރުދަނާކޮށް ކުރިއެރުވުމަކީ ވެސް މި މަޝްރޫޢުގެ މުހިންމު އަމާޒެކެވެ.
ދިވެހިންގެ މެދުގައި ނެތެމުންދާ މިފަދަ ރީތި އާދަތައް، ޚާއްޞަކޮށް އިޙުތިރާމު ކުރުމުގެ ސިފަ އަށަގެންނެވުމަށްޓަކައި ޤައުމީ ކެމްޕޭނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، ދިވެހިންގެ އަމިއްލަ ވަންތަކަމާއި އައިޑެންޓިޓީ ހިފެހެއްޓެވުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިންނެވެ.
ގެއްލެމުންދިޔަ ދިވެހިންގެ އައިޑެންޓިޓީ އަލުން އިޔާދަކުރުމަށްޓަކައި، ދިވެހި ބަހާއި ޤައުމިއްޔަތަށް އިސްކަންދީ، ތާރީޚާއި ސަޤާފަތް ދިރުވައި އާލާކުރުމުގެ މަސައްކަތްތައް މިހާރު ސަރުކާރުން ފަށާފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!