ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން ބޭއްވި "މޯލްޑިވްސް ސްވިމް ފޯ ޑައެބީޓީސް" ހަރަކާތް، 500 އަށްވުރެ ގިނަ ބައިވެރިންނާއެކު ހދ. ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ހިމެނިގެން ކުރިއަށް ގެންދާ ފެތުމުގެ ހަރަކާތުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތް ފެށުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

Ad
rt

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ، 'މޯލްޑިވްސް ސްވިމް ފޯރ ޑައިބެޓީސް' ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ އިތުރުން، ހަކުރުބައްޔަށް ހޭލުންތެރިކުރުވުމުގެ ގޮތުން މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ސެޝަނުގައި 500 އަށް ވުރެ ގިނަ ބައިވެރިން ކާމިޔާބުކަމާއެކު ބައިވެރިވެފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ކުޅުދުއްފުށި ސިޓީގެ އެކި ފަރާތްތަކުގެ އެއްބާރުލުން ލިބިފައިވާކަން ފާހަގަކުރަމުން ކޭއާރްއެޗުން ބުނީ، ސިޓީގެ އެންމެހައި މުއައްސަސާތަކާއި، ޖަމްޢިއްޔާތަކާއި، އަދި އެކެޑަމީތަކުން ވެދިން ފުރިހަމަ އެއްބާރުލުމަށް އިޚްލާޞްތެރި ޝުކުރު އަދާކުރާ ކަމަށެވެ.

މީގެ އިތުރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށި ޕޯސްޓާއި، ކުޅުދުއްފުށި ޕޮލިސް އަދި މޯލްޑިވިއަން ރެޑް ކްރެސެންޓުން މި ހަރަކާތަށް އަގުހުރި އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހަމައެއާއެކު، ކުޅުދުއްފުށީ ސްޓޭޑިއަމާއި ކުޅުދުއްފުށި ސިޓީ ކައުންސިލުން ވެދެއްވި އެހީތެރިކަމާއި ބެހެއްޓެވި ގާތް އެއްބާރުލުމަށް ނުހަނު އިމެއްނެތި ޝުކުރުވެރިވާ ކަމަށް ވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.