އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ހުކުރު ދުވަހު މަލާވީ އަތުން 5-0 ގެ ނަތީޖާއަކުން މިސްރު މޮޅުވި މެޗުގައި ދެ ލަނޑު ޖަހައި، އެ ގައުމުގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު މުހައްމަދު ސަލާހު ހޯދައިފިއެވެ.
މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާ އެކު އޭނާ ވަނީ ބައިނަލްއަގުވާމީ މައިދާނުގައި މިސްރަށް ޖަހައިދިން ލަނޑުގެ އަދަދު 70 އަށް އަރުވައި، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހުސާމް ހަސަންގެ ރެކޯޑު ފަހަނައަޅައި ގޮސްފައެވެ.
ގާހިރާގައި ކުޅުނު މި މެޗުގައި އުމުރުން 34 އަހަރުގެ ލިވަޕޫލްގެ ކުރީގެ ތަރި ސަލާހު މި ތާރީޚީ ކާމިޔާބީ ހާސިލުކުރީ މެޗުގެ ފަހުކޮޅުގައެވެ. އެގޮތުން މެޗުގެ 84 ވަނަ މިނެޓުގައި ބޮލުން ޖަހައި އޭނާ ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު، ކުރީގެ ރެކޯޑު މުގުރާލި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.
މިސްރުގެ ކޯޗުގެ މަގާމުން ހަސަން މިދިޔަ ހަފުތާގައި ވަކިކުރުމާ ގުޅިގެން، އެ މަގާމާ އަލަށް ހަވާލުވި އަލީ މާހިރަށް ވެސް މި މެޗު ވެގެންދިޔައީ ފުރިހަމަ ފެށުމަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނާސިރު މާހިރާއި އުމަރު މަރުމޫޝް އަދި މުހައްމަދު ހާނީ ވަނީ ލަނޑު ޖަހައި މިސްރަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މި ނަތީޖާއާ އެކު ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން މިސްރު މިހާރު އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އެންގޯލާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ހޮނިހިރު ދުވަހު ނުކުންނާނީ ސައުތު ސޫދާނާ ދެކޮޅަށެވެ.
ކޮލިފައިންގެ އެހެން މެޗުތަކަށް ބަލާއިރު، ކަސަބްލަންކާގައި ކުޅުނު މެޗުގައި އަޝްރަފް ހަކީމީ ދެ ލަނޑު ޖަހައިދީ، ނައިޖާ އަތުން 5-1 އިން މޮޅުވެ މޮރޮކޯ ވަނީ ގްރޫޕް އޭގެ އެއްވަނައިގައި ކުރިއަށް ޖެހިލައިފައެވެ. އަދި އުޔޯގައި ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި ތޯލޫ އަރޮކޮޑާރޯ އަށް މިނެޓުގެ ތެރޭގައި ޖެހި ދެ ލަނޑާ އެކު ނައިޖީރިއާ ވަނީ 3-1 އިން ޓެންޒޭނިއާ ބަލިކޮށްފައެވެ. އަޔަކްސް އަށް ކުޅޭ އަރޮކޮޑާރޯގެ އިތުރުން ނައިޖީރިއާގެ ފުރަތަމަ ލަނޑު މެޗުގެ ކުރީކޮޅު ކާމިޔާބުކުރީ އަލްހަސަން ޔޫސުފެވެ.
ޓިއުނީޝިއާ އަމިއްލަ ދަނޑުގައި ލީބިޔާ އަތުން 2-0 އިން ބަލިވުމަކީ ކޮލިފައިންގައި ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާއެވެ. މެޗުގެ 44 ވަނަ މިނެޓުގައި އަލީ ޔޫސުފް ޕެނަލްޓީއަކުން ލީޑު ނަގައިދީފައިވަނިކޮށް، 62 ވަނަ މިނެޓުގައި ލީބިޔާގެ ދެވަނަ ލަނޑު ޖެހީ ހަމްދޫ އަލްހޫނީއެވެ. މި ނަތީޖާއާ އެކު ގްރޫޕް އެޗްގެ ފުލަށް ވެއްޓި، 1994 ވަނަ އަހަރުގެ ފަހުން ކޮންމެ މުބާރާތަކުން ވެސް ޖާގަ ހޯދަމުން އައި ޓިއުނީޝިއާގެ ރެކޯޑު ދެމެހެއްޓުމަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ގްރޫޕް ޑީގައި ސައުތު އެފްރިކާއިން ކެންޔާއާ ވާދަކުރި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ސައުތު އެފްރިކާގެ ދެ ކޯޗުން ކަމަށްވާ ޕިޓްސޯ މޮސިމާނޭ އާއި ބެނީ މެކާތީގެ ކުރިމަތިލުމުގައި، މެޗުގެ ފަހު މިނެޓުގައި ރަޔަން އޮގާމް ޖެހި ލަނޑުން ކެންޔާ ވަނީ މުހިންމު ޕޮއިންޓެއް ހޯދައިފައެވެ. މި މެޗުން ދެ ޕޮއިންޓް ގެއްލުނު ނަމަވެސް، ކުޅުނު މެޗުތަކުން ލިބުނު ހަތް ޕޮއިންޓާ އެކު އެ ގްރޫޕްގެ އެއްވަނައިގައި އަދިވެސް އޮތީ ސައުތު އެފްރިކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!