ހދ. ހަނިމާދޫގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ "މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2026" ކާމިޔާބުކަމާއެކު ނިންމާލައި، މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން މޯލްޑިވްސް ސޮކާ މޭޓްސް އަދި 12 އަހަރުން ދަށުގެ ޗެމްޕިއަންކަން އެޑްވެންޗާ ފުޓްބޯލް އެކެޑަމީން ހޯދައިފިއެވެ.

ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކުރި މި މުބާރާތުގެ ދެ އުމުރުފުރާއިން ޗެމްޕިއަންކަން ހޯދި ދެ ޓީމަށް ވެސް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑަލް ޙަވާލުކޮށްފައެވެ.

Ad
rt

މި މުބާރާތުގެ 10 އަހަރުން ދަށުގެ އުމުރުފުރާގެ ރަނަރއަޕް މަޤާމު ދިއްދޫ ސްޕޯޓްސް އެކެޑަމީން ހޯދިއިރު، 12 އަހަރުން ދަށުގެ ބައިން ރަނަރއަޕްކަން ހޯދާފައިވަނީ އެންއެފްއެން ފުޓްބޯލް އެކެޑަމީއެވެ. މި ދެ ޓީމަށް ވެސް ވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑަލް ޙަވާލުކޮށްފައެވެ.

މީގެއިތުރުން، މުބާރާތުގައި ބައިވެރިވި ހުރިހާ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ޕާޓިސިޕޭޝަން މެޑަލް ދީފައިވާއިރު، ފައިނަލުގައި ވާދަކުރި ހަތަރު ޓީމަށް ވެސް ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ސާބަހާއެކު މަރުޙަބާ ކިޔާފައެވެ.

އެ އެސޯސިއޭޝަނުން ބުނެފައިވަނީ، ފުޓުބޯޅައިގެ ޖޯޝުން ފުރިގެންވި ތިން ދުވަހުގެ ތެރޭގައި ޓީމުތަކުން ދެއްކި މޮޅު ހުނަރާއި، ޓީމް ރޫޙު އަދި ވަރުގަދަ ޢަޒުމަކީ ސަޕޯޓަރުންނަށް ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ގެނެސްދިން ކަމެއް ކަމަށެވެ.

ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި މިއީ ޅަފަތުގައި ކުދިންގެ ހިތްތަކުގައި ފުޓްބޯޅައަށް އޮތް ލޯބި އާލާކޮށް، އެކުދިންގެ ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އަދި އެކުދިން ބޮޑުވެގެން ކުޅިވަރުގެ ތެރެއަށް ނުކުންނައިރު މުބާރާތްތައް ކުރިއަށްދާނެ ގޮތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވެސް މި މުބާރާތުގެ މުހިންމު އަމާޒެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.