މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ މުޢާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖެ ވަޑައިގެންފިއެވެ.
"ޓްވާރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއަންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިޢާރުގެ ދަށުން ނޮވެމްބަރު 10 ވަނަ ދުވަހު ފެށި މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެފައިވާ ވަޢުދުތައް ފުއްދުމަށާއި، ބައިނަލްއަޤްވާމީ މާލީ ނިޒާމަށް އިޞްލާޙީ ބަދަލުތައް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ސިޔާސީ ގޮތުން ވެފައިވާ ވަޢުދުތައް ޢަމަލީ ނަތީޖާއަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތައް ބަލައިގަތުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ތުރުކީވިލާތަށް ކުރެއްވި މި ދަތުރުފުޅުގައި މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ ވަށްމޭޒު ޖަލްސާތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުންތަކުގައި ނާޒުކު ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ޙިއްސާކުރައްވައި، އެފަދަ ޤައުމުތަކަށް ފޯރުކޮށްދޭ ބައިނަލްއަޤްވާމީ އެހީތެރިކަން އިތުރުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވައި، އުކާލާ ކުންޏަކީ އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވިއެވެ.
މި ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް އެންމެން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބޭއްވި މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ހޯދުމާއި، އަދި ރަށްފުށު ސަރަޙައްދުތައް މޫސުމީ ގެއްލުންތަކަށް ހޭނުވުމާ ގުޅޭގޮތުންނެވެ. 2023 ވަނަ އަހަރުގެ ކޮޕް28 އާއި 2024 ވަނަ އަހަރުގެ ކޮޕް29 ސަމިޓުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައިވާއިރު، މިއީ މޫސުމާގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތުކުރުމަށް މި ސަރުކާރުން ދޭ ޚާއްޞަ ސަމާލުކަން ދައްކުވައިދޭ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!