ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ތެރެއިން މިހާރު ރަސްމީ ބޭންކިން ނިޒާމަށް ވަންނަނީ އެންމެ 65 އިންސައްތަ ކަމަށާއި، އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މި މަގުސަދު ހާސިލުކުރުމަށްޓަކައި އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތައް އަންނަ އަހަރު އިތުރަށް ހަރުދަނާ ކުރާނެ ކަމަށްވެސް ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އެމްއެމްއޭއިން ގެނައި ބަދަލުތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ އިތުރުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ޖަމާކުރުން ހަރުދަނާ ކުރުމަށް މުހިންމު ބަދަލުތަކެއް ހިމަނާފައިވާ ކަމަށެވެ. ކުރިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކިން ނިޒާމަށް ވަންނަކަން މޮނިޓަކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި މިހާރުވެސް ނިޒާމުގެ ތެރެއަށް ވަންނަނީ ބޭރު ފައިސާގެ 65 އިންސައްތަ ކަމަށްވާތީ، ނިޒާމުގައި މިހާރު ހުރި ފައިސާ ދައުރު ކުރުމުގެ އިތުރުން އެތެރެވާ ހުރިހާ ފައިސާއެއް ބޭންކިން ނިޒާމަށް ވެއްދުމަށް ވަރަށް ބޮޑަށް މޮނިޓަކޮށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެގޮތުން ރިސޯޓުތަކާއި ވިޔަފާރިތަކުން އާމްދަނީ ޖަމާކުރުމަށް ވަކި ޚާއްސަ އެކައުންޓެއް ބަހައްޓަން އަންގާފައިވާ ކަމަށާއި، އެކަންވެސް ގާތުން ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ.
ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ފާހަގަކުރެއްވީ، ޓޫރިޒަމް ދާއިރާއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރު ކަމަށެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނަމަ އެއީ ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރުގެ އަދަދެއްކަން ފާހަގަކުރައްވައި، ކޮންމެ ޑޮލަރެއް ނިޒާމުގެ ތެރެއަށް ވެއްދުމަށް އެމްއެމްއޭއިން ކުރާ މަސައްކަތްތައް އަންނަ އަހަރު އިތުރަށް ހަރުކަށި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޓެކްސް ދެއްކުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަރުކަޒީ ބޭންކާއި، މީރާއިން ހިއްސާ ކޮށްފައިވާ ހިސާބުތަކާއި ހަވާލާދީ ގަވަރުނަރު މުނައްވަރު ވިދާޅުވީ، 185 ރިސޯޓްގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ގާތްގަނޑަކަށް 50 ރިސޯޓަކުންކަމަށެވެ.
''އިންކަމް ޓެކްސް ޕޭކުރަނީ އެންމެ 50 ވަރަކަށް ރިސޯޓުން. އޭގެ މާނައަކީ ކޮބައިތޯ، އެއް ގޮތަކީ ފައިދާއެއް ނުވުން ނޫނީ ކޮންމެވެސް ކަހަަލަ މައްސަލަތަކެއް އެބައުޅޭ ނޫންތޯ،" މުނައްވަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!