ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އިންތިޒާމުކޮށްގެން ބާއްވާ "ރަންފަރު ބާޒާރު 2026" ގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށުގެ ކަނބަލުންނަށް ހުޅުވާލައިފިއެވެ.

އެ ރަށު އތމ ކޮމިޓީން މަޢުލޫމާތު ދިން ގޮތުގައި، މި ބާޒާރަކީ ނޮޅިވަރަންފަރުގައި ދިރިއުޅޭ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ އެ ރަށުގެ އަންހެނުން ވިޔަފާރީގެ ގޮތުގައި އަމިއްލައަށް ތައްޔާރުކޮށްގެން ވިއްކާ ތަފާތު އެކި ބާވަތްތަކުގެ ތަކެތި ބައިވެރިކޮށް، ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ބާޒާރެކެވެ.

Ad
rt

މި ބާޒާރުގައި ބައިވެރިކުރެވޭނެ ތަކެތީގެ ކެޓަގަރީތަކެއް ވެސް ނޮޅިވަރަންފަރު އތމ ކޮމިޓީން މިހާރު ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި ގޭގައި ތައްޔާރުކޮށްގެން ވިއްކާ ތައްޔާރީ ކާނާއާއި، ދަނޑުގައި ހައްދައިގެން ވިއްކާ ތަކެތީގެ އިތުރުން ފެހުމާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ސާމާނު ހިމެނެއެވެ. އަދި ކޭކު އަދި ޕޭސްޓްރީގެ ބާވަތްތަކާއި، އާރޓްސް އެންޑް ކްރާފްޓްސްގެ އިތުރުން ޕެއިންޓިންގްސް ފަދަ އަތްތެރި މަސައްކަތްތައް ވެސް މި ބާޒާރުގައި ވިއްކުމަށް ހުށަހެޅޭނެއެވެ.

ބާޒާރުގައި ވިއްކާ ތަކެއްޗާ ގުޅޭގޮތުން ކޮމިޓީން ބުނީ، ބައިވެރިން ވިއްކާ ތަކެތިން ލިބޭ ފައިސާގެ ތެރެއިން ކޮންމެ 100 ރުފިޔާއަކުން 10 އިންސައްތަ ކޮމިޓީއަށް ނެގުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މި ބާޒާރަށް އެންމެ ގިނަ ތަކެތި ހުށަހަޅާ ތިން ބައިވެރިންނާއި، ބާޒާރުން އެންމެ ގިނަ ރުފިޔާ ހޯދާ ބައިވެރިޔާ ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޮމިޓީން ބުންޏެވެ.

މި ބާޒާރު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 ޑިސެމްބަރު 5 ވާ ދުވަހު ނޮޅިވަރަންފަރުގައެވެ. މި ހަރަކާތް ކުރިއަށްދާނީ އެ ދުވަހުގެ މެންދުރު 14:00 ން ފެށިގެން ހަވީރު 17:30 ގެ ނިޔަލަށެވެ.

"ރަންފަރު ބާޒާރު 2026" ގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ނޮވެމްބަރު 26 ވާ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެއެވެ. މި ފުރުޞަތުގައި ރަޖިސްޓްރީ ވެވޭނީ ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައިވާ ގޫގުލް ފޯމު ފުރައިގެންނެވެ. އަދި މި ބާޒާރާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ ކޮމިޓީގެ ރައީސާ ޢާމިނަތު ސަޢީދާގެ ފޯނު ނަންބަރު 9103170 އާ ގުޅުމަށް ކޮމިޓީން ވަނީ އެދިފައެވެ.