ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ފަތްމިނި ތެޔޮޝެޑްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ތެޔޮޝެޑަށް ބަދަލުގައި އެހެން ބިމެއް ހަމަޖައްސައިދިނުމަށާއި، ތެލުގެ ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ފުނަދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ރަށުގައި ތެލުގެ ވިޔަފާރިއަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަތްމިނި ތެޔޮޝެޑް ހުރި ބިމުގެ ބަދަލުގައި އެހެން ބިމެއް އެ ފަރާތަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ތެޔޮޝެޑް ކުރިމަތީގައި އޮތް މަގުގެ ހުޅަނގު ފަރާތުން، ކުރީގެ ބިމާ އެއްވަރުގެ ބޮޑުމިނެއް ހުރި ބިމެކެވެ.
މި ބަދަލާ ގުޅޭގޮތުން ކައުންސިލުން ބުނެފައިވަނީ، މަގުގެ ހުޅަނގު ފަރާތުން ހަމަޖައްސައިދޭ އެ ބިން ފަތްމިނި ތެޔޮޝެޑަށް ދޫކުރުމަށް ނިންމާފައިވަނީ އެ ފަރާތާއެކު ކުރިން ވެވިފައިވާ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ކަމަށެވެ.
މީގެއިތުރުން، ޑައިމަންޑް ސީޑްއަށް ތެލުގެ ވިޔަފާރި ކުރުމަށް މިހާރު ދޫކޮށްފައިވާ ބިމާ ގުޅޭގޮތުން ވެސް ކައުންސިލުން ވަނީ ގޮތްތަކެއް ނިންމާފައެވެ. އެ ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓް އެހެން ފަރާތަކަށް ވިއްކާލުމަށް އެ ފަރާތުން ވަނީ ކައުންސިލަށް ހުށަހަޅާފައެވެ.
އެ ހުށަހެޅުމާ ގުޅިގެން، ރަށުގައި ތެލުގެ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި، އެ ފަރާތާއެކު ވެފައިވާ އެއްބަސްވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި އެ ބަދަލުތަކާއެކު އަލުން އެއްބަސްވުން އެކުލަވާލުމަށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ހާމަކުރެއެވެ.
ފުނަދޫގައި ހިނގާދިޔަ މި ނުރައްކާތެރި ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ތެލުގެ ވިޔަފާރި ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން މޮނިޓަކުރަމުން ގެންދިއުމަށާއި، ތެލުގެ ވިޔަފާރިކުރާ ފަރާތްތަކަށް ސްޓޯރޭޖް ބެހެއްޓުމަށް ތެޔޮ ޝެޑާ ވަކިން ބިން ހަމަޖައްސައިދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!