އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުތަކުގެ ދަށުން، ޓްރެފިކް ޤަވާޢިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ހދ. ނޭކުރެންދޫގައި ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.

މި ޕްރޮގްރާމަކީ ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި ނޭކުރެންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

Ad
rt

މި ސެޝަންތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ނޭކުރެންދޫގެ މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރި، އަމާން ތަނަކަށް ހެދުމެވެ. އަދި މަގުމަތީގެ ޓްރެފިކް ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބާ ބަޔަކު ދިރިއުޅޭ ރަށަކަށް އެ ރަށް ހެދުމަކީ ވެސް މި ހަރަކާތުގެ މުހިންމު އަމާޒެކެވެ.

މަޢުލޫމާތު ދިނުމުގެ މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބައި ޚާއްޞަކޮށްފައިވަނީ ސްކޫލް ދަރިވަރުންނަށެވެ. ނޭކުރެންދޫ ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ސެޝަންތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ކަމަށް އެ ރަށު އތމ ކޮމިޓީން މަޢުލޫމާތުދެއެވެ.

ދެވަނަ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައެވެ. ނޭކުރެންދޫ ކައުންސިލް އިދާރާގެ ހޯލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން އަމާޒުކޮށްފައިވަނީ ދަރިވަރުންގެ ބެލެނިވެރިންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ރަށުގެ އެންމެހައި ރައްޔިތުންނަށެވެ.

މުޅި މުޖުތަމަޢުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މާދަމާ ރޭ ބާއްވާ މި ސެޝަނުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެދެއްވުމަށް ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެދިފައެވެ.