ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެ މައްސަލަ ތަހުގީގުކުރަން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށް ވާތީ އެކަމާ ގުޅޭ ތަހުގީގެއް މިހާރު ކުރިއަށްދާ ކަމަށެވެ.

Ad
rt

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށްވާއިރު، އެފަދަ އަމަލުތަކަކީ ދީނީ އަދި ޝަރުއީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަންކަން ކަމުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން އެއީ ރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަޚުލާގީ މިންގަނޑުތަކާ ވެސް ފުށުއަރާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން އެފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްސަކޮށް، ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް މިފަދަ ކަންކަން ހިންގިޔަ ނުދިނުމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި މިފަދަ ކަންކަން ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ހަނދާންކޮށްދީފައިވެއެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ޓޫރިސްޓުންގެ ރަމްޒީ ކައިވެނި ހަފްލާތައް ބޭއްވުމަކީ މީގެ ކުރިން ވެސް ހިނގަމުން އަންނަ ކަމެކެވެ. ނަމަވެސް، މީގެ ކުރިން އާންމުވި އެފަދަ ރަމްޒީ ކައިވެންޏެއްގެ ވީޑިއޯއެއްގައި، ދިވެހި ބަހުން ހަޑި ހުތުރު އިބާރާތްތަކެއް ބޭނުންކޮށްފައި ހުރި މައްސަލައެއް ވަރަށް ބޮޑުވެގެން ދިޔައެވެ. އެ މައްސަލައާ ގުޅިގެން ފަތުރުވެރިންގެ ރަމްޒީ ކައިވެނި ހަފުލާތައް ބޭއްވުމާ ބެހޭ ޚާއްސަ ގަވާއިދެއް ވެސް އެކުލަވާލާފައިވެއެވެ.

"ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ހަފުލާ ބޭއްވުމާބެހޭ ގަވާއިދު" ގައިވާ ގޮތުން، މިފަދަ ހަފުލާތައް ބޭއްވޭނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށް، އޮޕަރޭޓްކުރުމުގެ ހުއްދަ ލިބިފައިވާ ތަންތަނުގައި އެކަންޏެވެ. އޭގެ ތެރޭގައި ޓޫރިސްޓް ރިޒޯޓްތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޔޮޓް މެރީނާ އަދި ޓޫރިސްޓް އުޅަނދުފަހަރު ހިމެނެއެވެ. އަދި އެފަދަ ހަފުލާއެއް ބާއްވާ ކޮންމެ ތަނެއް ވެސް ރަޖިސްޓްރީކުރަން ޖެހޭއިރު، އެ ހަފުލާތައް ބާއްވާ ކޮންމެ ތަނެއްގައި މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ރަމްޒީ މައުޒޫނެއް ނުވަތަ މައުޒޫނުން ތިބުން ލާޒިމުވެއެވެ.

މީގެއިތުރުން، އެ ގަވާއިދު ބަޔާންކުރާ ގޮތުގައި ހަފުލާގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަންވާނީ އިސްލާމްދީނަށާއި، ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދަ އަދި އިޖުތިމާއީ މިންގަނޑުތަކަށް ފުރިހަމައަށް އިހްތިރާމްކުރެވޭ ގޮތަށެވެ. އެގޮތުން އެއްވެސް އަމަލަކުން، ބަހަކުން ނުވަތަ ބޭނުންކުރާ ތަކެތިން ވިޔަސް އިސްލާމްދީނަށް ފުރައްސާރަވާ ފަދަ ނުވަތަ ދިވެހި މުޖުތަމައުގެ މިންގަނޑުތަކަށް ހުތުރުވާ ފަދަ އެއްވެސް ކަމެއް ރަމްޒީ މައުޒޫނާއި އެ ހަފުލާގައި ބައިވެރިވާ އެއްވެސް ފަރާތަކުން ކުރުމަކީ މަނާކަމެކެވެ.