އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ތެރޭގައި އެންމެ ބޮޑު ނަފްސާނީ އަދި ޖިސްމާނީ ތަކުލީފެއް އުފުލަން ޖެހިފައިވަނީ އެ ސަރަހައްދުގެ ސިއްހީ ހިދުމަތްތެރިންނަށެވެ. އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތުގައި ހުއްޓުމެއް ނެތި އުޅެނިކޮށް، އަމިއްލަ އާއިލާގެ މަރުގެ ހަބަރުތަކާ ކުރިމަތިލާން ޖެހުމާއި، ޒަހަމްވެގެން ގެންނަ އަމިއްލަ ލޯބިވާ މީހުންގެ ފުރާނަނެތް މަސްގަނޑު ފެނުމަކީ އެތައް ޑޮކްޓަރުންނަކާއި ނަރުހުންގެ ދިރިއުޅުން މުޅިން ބަދަލުކޮށްލާފައިވާ ބިރުވެރި ހަގީގަތެކެވެ.

ދީރުލް ބަލަހްގައި ހުންނަ އަލްއަޤްޞާ މާޓިއާސް ހޮސްޕިޓަލުގެ އުމުރުން 29 އަހަރުގެ ހޭނައްތާ ޑޮކްޓަރު މަނާރު ފައްޔާޒުގެ ދިރިއުޅުމަށް އެފަދަ ހިތްދަތި ބަދަލެއް އައީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 27 ގައެވެ. އިމަޖެންސީ އޮޕަރޭޝަނަކަށް ބަލިމީހަކު ހޭނެއްތުމަށް އޭނާއަށް ކުއްލި ގޮވުމެއް އައިސްގެން އޮޕަރޭޝަން ތިއޭޓަރަށް ދިޔައިރު، އެ މީހާ އޮތީ މަރުވެފައެވެ. "އަހަންނަށް އެތަނަށް ދެވުމުގެ ކުރިން އޭނާ އޮތީ މަރުވެފައި. އޮޕަރޭޝަން ތިއޭޓަރަށް ވަދެވުމުން އަހަންނަށް އެ މީހާގެ އަންނައުނު ފާހަގަކުރެވުނު. ތަފާތު އިހުސާސެއް ކުރެވިގެން ގޮސް މޫނު ކަޝްފުކޮށްލިއިރު، އެއީ އަހަރެންގެ އުމުރުން 34 އަހަރުގެ ބޭބެ ޝާދީ،" ފައްޔާޒު ކިޔައިދިނެވެ. އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި މަރުވި އަމިއްލަ ބޭބެ ފެނުނު އެ ހިތްދަތި ހާދިސާއަށް ފަހު، ހޮސްޕިޓަލުގެ މާހައުލާ ކުރިމަތިލާން ނުކުޅެދި، އޭނާގެ މެޑިކަލް ކެރިއަރަށް ވަނީ ނިމުމެއް އައިސްފައެވެ.

Ad
d

އެ ހާދިސާއަށްފަހު ފައްޔާޒު ދަނީ އެއްވެސް ޕްރޮފެޝަނަލް އެހީތެރިކަމަކާ ނުލައި، އެކަނިމާއެކަނި އެ ނަފްސާނީ ހަނގުރާމަ ތަހައްމަލުކުރަމުންނެވެ. އޭނާ ވަނީ އިޖުތިމާއީ ދިރިއުޅުމާ ދުރަށް ޖެހި، އަޑުގަދަ ތަންތަނާއި މީހުންނާ ދުރުހެލިވެފައެވެ. މޫދު ކައިރީގައި އިނދެ ލިޔުމަކީ އޭނާގެ ހިތާމަތައް ބޭރުކުރުމަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭ ކަމަކަށް ވިޔަސް، އެ ހަނދާންތަކާ ދުރަށް ދިއުމަށްޓަކައި ޣައްޒާ ދޫކޮށް ދިއުމުގެ ހިޔާލު އޭނާގެ ސިކުނޑީގައި އަބަދުވެސް އެނބުރެއެވެ.

ހަމަ އެ ހޮސްޕިޓަލުގެ އެމަޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އުމުރުން 29 އަހަރުގެ ނަރުސް ޚާލިދު ރައުފަތަކީވެސް މިފަދަ އަނިޔާއެއް ތަހައްމަލުކުރަން ޖެހުނު މީހެކެވެ. އޭނާ ހޮސްޕިޓަލުގައި އެހެން މީހުންގެ ފުރާނަ ސަލާމަތްކުރަން އުޅެނިކޮށް، 2023 އޮކްޓޫބަރު 18 ވަނަ ދުވަހު އޭނާގެ އާއިލީ ގެއަށް ދިން ވައިގެ ހަމަލާއެއްގައި އޭނާގެ އަންހެނުންނާއި ދަރިންނާއި މަންމަގެ އިތުރުން އެއްބަނޑުއެއްބަފާ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ގިނަ ދުވަސްތަކަކަށް ވަޒީފާއާ ދުރުގައި ހުރުމަށްފަހު، އަލުން ދިރިއުޅުން އާރާސްތުކޮށް، ކައިވެނިކޮށް، ހޮސްޕިޓަލުގެ ވަޒީފާއަށް އޭނާ މިހާރު ވަނީ އެނބުރި އައިސްފައެވެ. "އާއިލާ ގެއްލުނުކަން އެނގުން ވެގެންދިޔައީ އަހަރެންގެ ހަޔާތަށް އައި އެންމެ ވޭންދެނިވި ބަދަލަށް. އިންސާނީ ހިދުމަތެއްގެ ގޮތުގައި ކުރިން ދެކުނު ހޮސްޕިޓަލް، އަހަންނަށް ކެތްނުކުރެވޭ ވަރުގެ ޒާތީ ތަދެއް ހަނދާންކޮށްދޭ ތަނަކަށް ބަދަލުވި،" ޚާލިދު ބުންޏެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހަނގުރާމައިގައި އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް ސިއްހީ ދާއިރާގެ މަދުވެގެން 1،700 މުވައްޒަފުން ވަނީ މަރުވެފައެވެ. އަދި ސިއްހީ ހިދުމަތްދޭ 83 މީހަކު އިސްރާއީލުގެ ބަންދުގައި އަދިވެސް އެބަތިއްބެވެ. މީގެ އިތުރުން، 'ޕަބްލިކް ލައިބްރަރީ އޮފް ސައިންސް' ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ޣައްޒާގެ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 41 އިންސައްތަ މީހުންގެ އާއިލާގެ މެންބަރުން ވަނީ ވަކިވެ ގޮސްފައެވެ. އަދި 46 އިންސައްތަ މީހުން އަމިއްލަ މީހުން ގެއްލުމުގެ ހިތާމައާއި މަސައްކަތުގެ މާހައުލުން ގެދޮރު ގެއްލުމުގެ ހިތްދަތިކަން ތަހައްމަލުކޮށްފައިވާއިރު، ސިއްހީ މަސައްކަތްތެރިންގެ 78 އިންސައްތަ މީހުންނަށް ނަފްސާނީ އެހީތެރިކަން ލިބޭނެ އެއްވެސް މަގެއް ނެތެވެ.

މި ހާލަތާ ގުޅޭގޮތުން ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުނީރު އަލްބުރުޝް އަލްޖަޒީރާއަށް ވިދާޅުވީ، ސިއްހީ މުވައްޒަފުން ތިބީ ފުރާނަ ސަލާމަތްކުރުމުގެ ވާޖިބާއި އަމިއްލަ ލޯބިވާ މީހުން ގެއްލުމުގެ ހިތާމައިގެ ދެމެދުގައި ތާށިވެފައި ކަމަށެވެ. "އެމީހުން މަސައްކަތް ކުރަމުން ދަނީ އެހެން މީހުންގެ ޒަހަމްތަކަށް ފަރުވާ ދިނުމަށް. އެކަމަކު އަމިއްލަ ނަފްސުގެ ޒަހަމްތަކަށް ފަރުވާއެއް ނުލިބޭ،" އޭނާ ވިދާޅުވިއެވެ. އަދި ސިއްހީ އެހީތެރިން ރައްކާތެރިކުރުމަކީ ހަމައެކަނި ބޭހާއި ވަސީލަތްތައް ހޯދައިދިނުން ނޫން ކަމަށާއި، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކޮށް، އަރާމުކުރުމަށް ވަގުތު ދިނުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad
df

ސިއްހީ މުވައްޒަފުން މަރުވުމާއި، ހައްޔަރުކުރުމާއި، އަނިޔާވުމުގެ ސަބަބުން ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމާއެކު، ހޮސްޕިޓަލުތަކަށް އަންނަ ބަލިމީހުންނާއި ޒަހަމްވާ މީހުން ހުއްޓުމެއްނެތި އިތުރުވަމުން ދިއުމަކީ ބާކީ ތިބި މީހުންނަށް އަރާމުކުރުމަށް އޮތް ބޮޑު ހުރަހެކެވެ. މިއާއެކު ޣައްޒާގެ ސިއްހީ ނިޒާމުން އިންސާނީ ވަސީލަތްތައް މަދުވެ، ހިދުމަތް ދިނުމުގެ ގާބިލުކަން ދަށްވަމުންދާއިރު، އެހެން މީހުން ސަލާމަތްކުރުމުގެ އެންމެ ކުރީ ސަފުގައި ތިބި މީހުން މިވަނީ ނަފްސާނީ ގޮތުން ބޮޑު އަގެއް ދައްކަން ޖެހިފައެވެ.