އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ފަލަސްތީނުގެ ޣައްޒާގައި އަލުން މަދަރުސާތައް ހުޅުވައި ކިޔަވައިދޭން ފެށި ނަމަވެސް، އެ ކުދިންނަށް ޖެހިފައިވަނީ ފުރާނަ އަތްމައްޗަށް ލައިގެން މަދަރުސާތަކަށް ދާށެވެ. މަގުމަތިންނާއި، ވަގުތީ ކްލާސްރޫމްތަކާއި، ސްކޫލް އެސެމްބްލީތަކުގައި ތިބޭ ވަގުތުތަކުގައި ވެސް އިސްރާއީލުގެ ސްނައިޕަރުންނާއި ވައިގެ ހަމަލާތަކުގެ ޝިކާރައަކަށް ކުޑަކުދިން ދަނީ ވަމުންނެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ޖަބަލިޔާގައި ހުންނަ މުރާދިއްޔާ ސްކޫލުގައި ހެނދުނު ގާތްގަނޑަކަށް 10:30 ހާއިރު ބޭއްވި އެސެމްބްލީއަށް އަމާޒުކޮށް އިސްރާއީލުން ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ. އެ ސްކޫލުގެ ޕްރިންސިޕަލް ނައީމް އަލޫޝް ވިދާޅުވި ގޮތުގައި، ދަރިވަރުން ދެ ސަފަކަށް އެތުރިގެން ތިއްބައި ކުއްލިއަކަށް ބަޑިޖަހަން ފެށުމުން ދެ ކުއްޖަކަށް ވަޒަން އަރައި ވެއްޓުނެވެ. އެ ހާދިސާގައި ހަތަރު ވަނަ ގްރޭޑްގައި ކިޔަވާ ސުޢާދު ޢަބްދު ރައްބޯގެ ކަކުލުން މައްޗަށް ވަޒަން އެރިއިރު، ފަސްވަނަ ގްރޭޑްގައި ކިޔަވާ އާމިނާ ޚާދިރުގެ އަރިކައްޓަށް ވެސް ވަޒަން އަރައި ޒަޚަމްވިއެވެ.
ސުޢާދުގެ މަންމަ ޢާލިޔާ ޢަބްދު ރައްބޯ ބުނި ގޮތުގައި، ސުޢާދުގެ ފައިގެ ނާރުތަކާ ކައިރީގައި ވަޒަން ތާށިވެފައިވުމުން، ވަޒަން ނަގައިފިނަމަ ވާގިނެތުމުގެ ނުރައްކާ އޮތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އޮޕަރޭޝަނަށް ފަހު ވަޒަން ނުނެގި މިހާރު ޓެންޓަށް ބަދަލުކޮށްފައި ހުރި ނަމަވެސް އޭނާއަށް ނުހިނގެއެވެ. ފުރިހަމަ ފަރުވާއަށް ޣައްޒާއިން ބޭރަށް ދާން ޖެހޭއިރު، އިސްރާއީލުން ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން އެ ފުރުސަތު ވަނީ ހަނިވެފައެވެ. ސުޢާދުގެ އިތުރުން، އާދީއްތަ ދުވަހު ޣައްޒާ ސިޓީގެ އިސްލާމިކް ޔުނިވަރސިޓީ ކެމްޕަހަށް ދިން ހަމަލާއެއްގައި ވެސް ފަސް ދަރިވަރަކު ސީރިއަސް އަނިޔާތަކާއެކު ޒަޚަމްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މަދަރުސާ ނިންމައި ގެއަށް ދިޔަ މަގުމަތީގައި ވެސް ކުދިން ދަނީ ޝަހީދުވަމުންނެވެ. އޮކްޓޫބަރު 17 ވަނަ ދުވަހު ދީރުލް ބަލަޙްގައި ވަގުތީ ސްކޫލަކުން ނިމިގެން ގެއަށް ދިޔަ އުމުރުން 14 އަހަރުގެ މުޙައްމަދު ޙަމަދު، އޭނާގެ 10 އަހަރުގެ ކޮއްކޮ ޢަބްދުﷲ އާއެކު އަލް-ބަރަކާ އަވަށުގެ މަގުމަތިން ދަނިކޮށް، އިސްރާއީލުން ދިން ހަމަލާއެއްގައި ވަނީ ޝަހީދުވެފައެވެ. މި ހަމަލާގައި މުޙައްމަދާއެކު އިތުރު ފިރިހެނަކު މަރުވި ނަމަވެސް، އޭނާގެ ކޮއްކޮ ވަނީ ސަލާމަތްވެފައެވެ. މުޙައްމަދުގެ ބައްޕަ ރިޔާޟް ޙަމަދު ބުނީ މުޙައްމަދަކީ ކިޔެވުމުގައި ފާހަގަކޮށްލެވޭ މޮޅު ކުއްޖެއް ކަމަށާއި، މި ހާދިސާއަށްފަހު އޭނާގެ އަނެއް ދަރިފުޅު މަދަރުސާއަށް ދާން އިންތިހާއަށް ބިރުގަންނަ ކަމަށެވެ.
ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ސެޕްޓެމްބަރު 19 ގައި ޣައްޒާގެ ތަޢުލީމީ އާ އަހަރު ފެށި ނަމަވެސް، ހަމަލާތަކަށް އެއްވެސް ހުއްޓުމެއް ނާދެއެވެ. ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، އޮކްޓޫބަރު 18 އާއި 24 އާ ދެމެދު އެކަނިވެސް އުމުރުން 6 އަހަރާއި 16 އަހަރާ ދެމެދުގެ 10 ކުޑަކުދިންނާއި މުދައްރިސަކު ވަނީ ޝަހީދުވެފައެވެ. އަދި އޮކްޓޫބަރު މަހު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ވުމަށްފަހު ވެސް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 1،574 މީހުން ޝަހީދުވެ، 5،687 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ސްކޫލްތަކަށް ހުރި ނުރައްކާ އެންމެ ބޮޑީ "ޔެލޯ ލައިން" ކައިރީގައި ހުންނަ ސަރަހައްދުތަކުގައެވެ. އދ. އިން ހާމަކޮށްފައިވާ ގޮތުގައި އެއް އަހަރު ކުރިން އެއްބަސްވި 53 އިންސައްތައިގެ ބަދަލުގައި، އިސްރާއީލުން މިހާރު ވަނީ އެ ރޮނގު ހުޅަނގަށް ޖައްސައި ޣައްޒާގެ 65 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގާފައެވެ. މި ސަރަހައްދު ކައިރިން އެކަނިވެސް މަދުވެގެން ފަލަސްތީނުގެ 66 ކުޑަކުދިން ޝަހީދުވެފައިވާއިރު، އެ ސަރަހައްދުން ދަތުރުކުރާ ދަރިވަރުންނާއި މުދައްރިސުންނަށް އިސްރާއީލުގެ ސްނައިޕަރުންނާއި ބޮން އެޅުމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. މި ހާލަތާ ގުޅިގެން ޣައްޒާގެ މަދަރުސާތަކާއި ޔުނިވަރސިޓީތަކާއި ދަރިވަރުން ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފިޔަވަޅުތަކެއް އަވަހަށް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!