މީހަކާ ދިމާލަށް މިމަގުން ނުހިނގާށޭ ބުނެ ވަޅިއެއް ހޫރާލި މީހަކު 10 އަހަރަށް ޖަލަށްލައި, 750,000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދިވެހި ފިރިހެނެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. މިދިޔަ މަހު މީހަކު މާލޭގެ އަސުރުމާގޯޅިން ހިނގާފައި ދަނިކޮށް މިމަގުން އިތުރަށް ނުހިނގުމަށާއި އަދި އިތުރަށް އެ މަގުން ހިނގައިފިނަމަ މަރާލާނެ ކަމަށް ބުނެ ވަޅިއެއް އެ މީހާގެ ބުރަކަށްޓާ ދިމާލަށް ދިއްކުރި މައްސަލާގަ އެވެ.

Ad
d

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ހެކިންގެ ބަހުންނާއި ވީޑިއޯ ފުޓޭޖްތަކަށް ބަލާއިރު, އޭނާ މީހަކާ ދިމާލަށް ވަޅިއެއް ހޫރާލިކަން ސާބިތުވާ ކަމަށެވެ. އަދި އޭނާ އެކަންކުރި ގޮތަށް ބަލާއިރު އެއީ ގަސްދުގައި ބިރު ދެއްކުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ, އޭނާ 10 އަހަރަށް ޖަލަށްލުމާއެކު 750,000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ ދެ އަހަރު ތެރޭގައި ދައުލަތަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ. އަދި އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ ނުވަ އަހަރާއި ހަތް މަހުގެ ޖަލު ހުކުމެކެވެ.

Ad
df

އެ މީހާގެ މައްޗަށް ދައުލަތުން ދައުވާކުރީ ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެއީ އެފަދަ ކުށްތަކަށް ބޮޑެތި އަދަބު ދެވޭ ގާނޫނެކެވެ.