ދިވެހިރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި 'ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރ' އެއް ޤާއިމުކުރުމަށާއި، ޓްރެފިކް މައްސަލަތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގައެވެ. ވަޒީރުގެ ވާހަކާގައި ވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ރާވާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތަފުޞީލުތައް ހިއްސާކުރައްވާފައެވެ.

Ad
d

ވަޒީރު ވިދާޅުވީ، ރައްކާތެރިކަމާއެކު ދައުލަތުގެ ޑޭޓާ ރައްކާކޮށް ބެލެހެއްޓުމަށްޓަކައި ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރެއް ޤާއިމުކުރުމަކީ މި ސިޔާސަތުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއީ ޤައުމީ ފެންވަރުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ކުރިއަށްގެންދާ މައިގަނޑު އެއް މަސައްކަތެވެ.

މީގެއިތުރުން، އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމުގެ މަޤްޞަދުގައި، ޒަމާނީ ފެންވަރުގެ 'ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް' ނުވަތަ ސްމާޓް ކާޑުގެ ނިޒާމެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad
df

މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ޓެކްނޮލޮޖީގެ އެހީ ހޯދުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މާލޭގެ ޓްރެފިކް ނިޒާމު ޑިޖިޓަލައިޒްކޮށް ބެލެހެއްޓޭނެ 'ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމެއް' ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި 'ގްރޭޓަރ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން' ތަންފީޒުކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.