ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން، ގައިންގަޔަށް ނާރާ ބަލިތަކާއި އުރަމަތީގެ ކެންސަރާ ގުޅޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް ށަވިޔަނި އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ނިންމައިފިއެވެ.
ށ.އަތޮޅު ހޮސްޕިޓަލުން ބުނީ މި ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އުމުރުން 35 އަހަރުން ދަށުގެ ޒުވާން އަންހެނުންނަށް ކަމަށެވެ. އެހެންކަމުން، ޚާއްޞަކޮށް 35 އަހަރުން ދަށުގެ ވީހާވެސް ގިނަ އަންހެނުން މި ސިއްޙީ ހޭލުންތެރިކަމުގެ ސެޝަނުގައި ބައިވެރިވުމަށް ށަވިޔަނި އަތޮޅު ހޮސްޕިޓަލުން ވަނީ ދަޢުވަތު އަރުވާފައެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރު މަހުގެ 30 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ގައެވެ. މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ށަވިޔަނި އަތޮޅު ހޮސްޕިޓަލުގެ ސެމިނާ ރޫމުގައެވެ.
މި ސެޝަނުގައި ގައިންގަޔަށް ނާރާ ބަލިތަކާއި (އެންސީޑީ)، އުރަމަތީގެ ކެންސަރުގެ އިތުރުން އާންމު ސިއްޙަތަށް ނުރައްކާވާ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އެކި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކުރީބައިގައި ހޭލުންތެރިވުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމުގެ މުހިންމުކަން މި ސެޝަނުގައި ކިޔައިދެވޭނެއެވެ. އަދި ސިއްޙީ މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އެޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ސެޝަންގެ ތެރެއިން އަލިއަޅުވާލާނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
މި ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ގިނަ މުއައްސަސާތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައެވެ. އެގޮތުން މި ހަރަކާތުގައި ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)، ފުނަދޫ ސްކޫލް، ށ. ފުނަދޫ ކައުންސިލް، ސޮސައިޓީ ފޮ ޞިއްޙަތު އެޑިއުކޭޝަން (ޝީ)، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)، މިނިސްޓްރީ އޮފް ހެލްތު އަދި ޔުނިސެފް މޯލްޑިވްސް އިން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ށަވިޔަނި އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!