ސެޕްޓެމްބަރު 30 ގައި ހިނގައިދިޔަ ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 ގެ ހާދިސާގައި، ބޯޓު ކުއްލިއަކަށް ތިރިއަށް ވެއްޓެން ދިޔަ ބާރުމިނާއި ގޮތަށް ބަލާއިރު ބޯޓު ވިއްސިވިހާލިނުވެ ސަލާމަތްވުމަކީ ގަބޫލުކުރަން ވެސް ދަތި ކަމެއް ކަމަށް ވައިގެ ދަތުރުފަތުރުގެ މާހިރަކު ވިދާޅުވެއްޖެއެވެ.
ސީއެންއެން މެދުވެރިކޮށް ފްލައިޓް ސިމިއުލޭޓަރެއްގައި މި ހާދިސާ އަލުން ދައްކަވަމުން، ކޮމާޝަލް ޕައިލެޓް އަދި ފްލައިޓް އިންސްޓްރަކްޓަރު އާރޮން މާފީ ވަނީ އެ ހާދިސާ ހިނގި ވަގުތު ބޯޓުގެ މެކޭނިކަލް ހާލަތު ހުރި ގޮތުގެ މުހިންމު ތަފުސީލުތަކެއް ހާމަކުރައްވާފައެވެ.
ސިމިއުލޭޓަރުގައި އެ މަންޒަރުތައް ދައްކައިދެމުން މާފީ ފާހަގަކުރެއްވި ގޮތުގައި، ބޯޓުގެ ކުރީކޮޅު ކުއްލިއަކަށް ތިރިއަށް ޖެހި، އިންތިހާއަށް ބާރު ސްޕީޑުގައި ތިރިއަށް ދިޔަ ވަގުތު ކޮކްޕިޓުގެ އޯވަސްޕީޑް އިންޒާރުގެ އަޑުތައް ގަދަވެގެން ދިޔައެވެ. އަދި އެހާ ތިރިއަށް އެހާ ބާރުމިނުގައި ވެއްޓެން ދިއުމަކީ ބޯޓުގެ އޮނިގަނޑު ކުދިކުދިވެ، އެއްކޮށް ހަލާކުވެގެންދާ ފަދަ ނުރައްކާތެރި ހާލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ފްލައިދުބާއީގެ އެ ބޯޓުގެ ކޯ-ޕައިލެޓް ބޯޓު ވައްޓާލަން މަސައްކަތް ކުރުމުން، ކްރޫއިންނާއި ފަސިންޖަރުން ނުކުމެ އޭނާ ހުއްޓުވައި، ސައޫދީ އަރަބިއްޔާއަށް ބޯޓު ކުއްލި ހާލަތުގައި ޑައިވާޓްކޮށް ޖެއްސި ދަނޑިވަޅުގައެވެ.
އާންމު ފަރާތްތަކުން ބަލާ ފްލައިޓް ޓްރެކިން ޑޭޓާތަކުން ދައްކާ ގޮތުގައި އެ ބޯޓު ވަނީ ގާތްގަނޑަކަށް 35 ސިކުންތުގެ ތެރޭގައި 16،000 ފޫޓަށް ވުރެ ތިރިއަށް، ގަޑިއަކު ގާތްގަނޑަކަށް 700 މޭލުގެ ބާރުމިނުގައި ވެއްޓިގެން ގޮސްފައެވެ. ނަމަވެސް މާފީ ސާފުކޮށްދެއްވި ގޮތުގައި މިއީ އިނީޝަލް ރޯ ޑޭޓާ ކަމަށާއި، ބޯޓުގެ ރަސްމީ ފްލައިޓް ޑޭޓާ ރެކޯޑާ (ބްލެކް ބޮކްސް) އިން ލިބޭ މައުލޫމާތެއް ނޫނެވެ. ބޮއިންގް 737 މަރުކާގެ ބޯޓެއް އެ ފަދަ ދަރަޖައަކަށް ގޮސްފިނަމަ އޮނިގަނޑަށް ބޮޑެތި ގެއްލުންތައް ލިބި ހަލާކުވާނެ ކަމަށާއި، ކަމާބެހޭ އިދާރާތަކުން ނެރޭ ރަސްމީ ރިޕޯޓުގައި ސީދާ އަސްލު މިންވަރުތައް ތަފާތުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާއަކީ ފޭކެއް ނުވަތަ "ފޯލްސް ފްލެގް" އެއް ކަމަށް ބުނެ އުފެދިފައިވާ އަޑުތަކަށް ރައްދު ދެއްވަމުން މާފީ ވިދާޅުވީ، މިއީ އެއްވެސް ގޮތަކަށް ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ދައުވާ ނުކުރައްވާ ކަމަށެވެ. މާފީ ވިދާޅުވި ގޮތުގައި މިފަދަ ނުރައްކާތެރި ހާލަތަކުން ބޯޓު ސަލާމަތްވެ، ކާމިޔާބުކަމާއެކު ޖެއްސުމަކީ "ހޮލީވުޑް ޕްރޮޑަކްޝަނެއް" ފަދަ ކަމެކެވެ.
"ހަގީގީ ދިރިއުޅުމުގައި މިފަދަ ކަމެއް ހިނގައިދާނެ ކަމަށް ގަބޫލުކުރަން ވެސް ދަތި. އެކަމަކު ހަގީގަތުގައި ވެސް އެކަން ހިނގައިފި،" އޭނާ ވިދާޅުވިއެވެ.
މި ހާދިސާއަށްފަހު، މިއީ އިސްރާއީލުގެ "ފޯލްސް ފްލެގް" އޮޕަރޭޝަނެއް ކަމަށް ތުހުމަތުކޮށް، އަދި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދެއްކެވި ވާހަކަތަކަކީ ނުވާނެ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮންސްޕިރަސީ ތިއަރީތައް ދައުރުވާން ފެށިއެވެ. ނަމަވެސް މީޑިއާ ރިސާޗަރުންނާއި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ ބެހޭ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ޓެކްނިކަލް ރޯ ޑޭޓާތައް ނަހަމަ ގޮތުގައި މާނަކޮށްގެން ދޮގު މައުލޫމާތު ފެތުރުމަކީ ސޯޝަލް ޕްލެޓްފޯމުތަކުގައި ޖިއޯޕޮލިޓިކަލް މަގުސަދުތަކަށް އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!