މިދިޔަ ފެބުރުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ރަންދެލި ރިސޯޓުން ކޮންމެ މުވައްޒަފަކަށް 24,028.37 ރުފިޔާ ދީފި އެވެ.

"މޯލްޑިވްސް ސާވިސް ޗާޖު"ން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ބަހާފައިވަނީ ރަންދެލި ރިސޯޓުންނެވެ. މިއީ ޖެނުއަރީ މަހާ އަޅާ ބަލާއިރު ‭15,035.58‬ރ. ގެ ދަށްވުމެކެވެ. ޖެނުއަރީ މަހު އެ ރިސޯޓުން ކޮންމެ ވުވައްޒަފަކަށް ދީފައި ވަނީ 2,533.33 ޑޮލަރު (39,063.95ރ.) އެވެ.

Ad
rt

މި ލިސްޓުން ދެވަނަ ހޯދާފައި ވަނީ ޖެނުއަރީ މަހު އެންމެ ބޮޑު ސާވިސް ޗާޖު ދިން ވެލާ ރިސޯޓެވެ. އެ ރިސޯޓުން ވަނީ މިދިޔަ މަހު ބޮލަކަށް 1,402.58 ޑޮލަރު (21,627.78ރ) ދީފަ އެވެ. ޖެނުއަރީމަހު ވެލާއިން ކޮންމެ މުވައްޒަފަކަށް 3,006.26 ޑޮލަރު (46,356.53ރ) ދީފައިވެއެވެ.

ތިންވަނަ ހޯދި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ވަނީ 1,322.00 ޑޮލަރު (20,385.24ރ.) ސާވިސް ޗާޖުގެ ގޮތުގައި ދީފަ އެވެ.

މީގެ އިތުރުން ޓޮޕް ޓެންގައި އުޅެނީ އަނަންތަރަ ކިހާވަށް، ޖުމެއިރަށް ވިޓަވެލި، ފޯސީޒަން ރެސޯރޓްސް، ވޮއްމުލި، އިތާފުށި ހަލަވެލި އަދި ބަރޮސް މޯލްޑިވްސް އެވެ.

ފަހުން ހުޅުވި ރިސޯޓުތަކުގެ ތެރެއިން އިތާފުށި ރިސޯޓް އަންނަނީ ގަދަ ދިހައެއްގައި ހިމެނެމުންނެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 1,015.00 ޑޮލަރު (15,651.30ރ.) ބަހައިފަ އެވެ.

މިދިޔަ މަހުގެ ރިޕޯޓުތައް ދައްކާގޮތުގައި 34 ރިސޯޓަކުން ވަނީ 10،000ރ. އިން މަތިން ސާވިސް ޗާޖު ދީފަ އެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 151 ރިސޯޓު އޮންނައިރު ސާވިސް ޗާޖުގެ މައުލޫމާތު "މޯލްޑިވްސް ސާވިސް ޗާޖް" އާ ހިއްސާކޮށްފައި ވަނީ 65 ރިސޯޓުންނެވެ. މި މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މުވައްޒަފުން އެ ވެބްސައިޓަށް ފޮނުވާ މައުލޫމާތުތަކެކެވެ.