އޭ ސިނގިރޭޓްގެ އެކުވެރިޔާ! ތިބާއަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑުކަން އެނގޭހެއްޔެވެ؟

_110691769_gettyimages-599144440

ދުންފަތަކީ ޞިއްޙަތަށް ކިހާ ގެއްލުން ދެވިނި ހަތުރެއްކަން ތިބާއަށް އެނގިހުރެ ހުއްޓާނުލައި އެއަމަލު ކުރިއަށް އެބަ ގެންދަމުއެވެ! ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުރާނައަށް ނުރައްކާތެރިކަމެކެވެ. އެއަމަލުގެ ސަބަބުން އަހަރަކު 8 މިލިއަނަށްވުރެ ގިނައިން މީހުން މަރުވެއެވެ.

ދުންފަތުގެ ކޮންމެ ބާވަތެއް، ކޮންމެ ގޮތަކަށް ކޮންމެ މިންވަރަކަށް ބޭނުން ކުރުމާއި، ދުންފަތުގެ ނުސީދާ ދުމަށް ހުށައެޅުމަކީ ތިމާގެ ސިއްޙަތަށް ގެއްލުން ހުރި ކަންކަން ތިބާއަށް އެބަ އެނގެއެވެ!

ތިބާގެ ޞިއްޙަތަށާއި، ތިބާގެ ދަރިންގެ އުފަލަށްޓަކައިވެސް ތިޔަ ނުރަނގަޅު އަމަލުން ދުރުހެލިވުން ކިހާ ބޭނުންތެރި ހެއްޔެވެ؟މިކަމާއި ވިސްނަވައި، ދުންފަތުން ދުރުހެލިވާށެވެ.

މިހާރު އަޑުއިވޭ އަނެއްވާހަކައަކީ، ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްކިޔާ ނުރައްކާތެރި ވައިރަހެއްގެ ވާހަކައެވެ! މިހާތަނަށް ބޭހެއް، ވެކްސިނެއް ހޯދިފައިނުވާ އެވައިރަސް ޖެހުމުގެ ފުރުސަތު އެންމެ ބޮޑު މީހުން ތެރޭގައިވެސް ތިބާ އެބަ ހިމެނެއެވެ! މިކަމާއިވެސް ވިސްނަވައި އަވަހަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނޭދެވޭ އަމަލުން ދުރުހެލިވާށެވެ!

ހުސްވި 2019 ވަނަ އަހަރުގެ ޑިސެމްބަރު ފަހުކޮޅު ޗައިނާގެ ނުވަ ވަނައަށް އެންމެ ބޮޑު ސިޓީ ވުހާންއިން ފެތުރެންފެށި ކޮވިޑް-19 މިވަނީ މުޅިދުނިޔޭގެ ހުރިހާ ބިތަކަށްހެން ފެތުރިފައިކަން ތިބާއަށްވެސް އެނގޭނެއެވެ. އެވައިރަސްގެ ސަބަބުން ޗައިނާގެ ހޫބޭ ޕްރޮވިންސްވަނީ ބިރުވެރިކަމުން ފުރިފައެވެ. އެވައިރަސްގެ ނުރައްކާ ދުނިޔޭގެ 86 ޤައުމަށް މިހާރު ފޯރާފައިވާއިރު، އަޅުގަނޑުމެން ދިވެހިންވެސް މިތިބީ ނުރައްކަލުގެ ތެރޭގައެވެ.

ކޮވިޑް-19 ޖެހިފައިވާ 96203 މީހުން މިހާތަނަށް ފެނިފައިވާއިރު، އޭގެ ތެރެއިން 3302 މީހުން މިދުނިޔެއާއި ވަކިވެއްޖެއެވެ. އެވައިރަސް ފެތުރޭގޮތް ދެނެގަތުމުގެ މަސައްކަތް ކަމާއިބެހޭ މާހިރުން ކުރަށްވަމުން، ލިބޭ މައުލޫމާތު ހާމަކުރަށްވަމުންގެންދަވާއިރު، އެނުރައްކާތެރި ވައިރަސް ޖެހުމުގެ ފުރުޞަތު އެންމެ ބޮޑު މީހުންގެ ތެރޭގައި ތިބާ ހިމެނިއްޖެއެވެ! ހޭލާށެވެ!

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހިތުގެ ބަލިފަދަ ޞިއްޙީ މައްސަލަތައް ހުންނަ މީހުންގެ ބަލީގެ ހާލަތު އިތުރަށް ގޯސްވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. އެސަބަބަށްޓަކައި އެފަދަ މީހުންނަށް ކޮވިޑް-19 ޖެހުން ނުވަތަ އެބަލި ޖެހިއްޖެނަމަ އެބަލިން ކުރާ އަސަރުބޮޑުވެއެވެ.

ތިޔައެކުވެރިޔާއަށް ދޭން އޮތް ނަސޭހަތަކީ އަވަހަށް ތިކުރާ ނޭދެވޭ އަމަލުން ދުރުވުމަށްއެދި ދެވޭ ނަސޭހަތެވެ! ރައްކާވެތިބިއްޔާ ދަތުރެވެ!

 

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *