ކުޑައިރު ތަފާތު ކުޅިވަރު ކުޅެން ގިނަ ކުދިންނަށް ހުންނަނީ ފުރުސަތު ލިބިފައެވެ. މިގޮތުން އާންމުކޮން ރަށްފުށުގައި ކުޅުނު ކުޅިވަރުތަކުގެ ތެރެއިން ރުއްގަނޑުގައި ފުޓްބޯޅަ ކުޅުމަކީ ފޯރި ހުންނަކަމެކެވެ.
އަވަށު ކުދިންކޮޅެއް އެއްކޮށްލައިގެންނާއި ގެކައިރި ކުދިން ކޮޅަކާއި އެއްވެގެން ހޫނު މެޗެއް ނިންމާ ނުލާ ހަފްތާއެއް ނުދެއެވެ.
ރުށްގަނޑު ކަޕް ނަމުގައި އަވަށުވާދަވެރިކޮން ވެސް މުބާރާތްތައް ބާއްވާފައިހުރެއެވެ. ބައެއް ރަށްރަށުގައި ރުށްގަނޑުގައި ކުޅޭމެޗްތަކުގައި ބޫޓަށް އެރުމަކީ ރަތްކާރޑް ދައްކާފައި ދަނޑުން ފޮނުވާލުން ފަދަކަމެކެވެ.
ކުޅެންޏާއި ކުޅެވޭނީ ބޫޓަށް ނާރައެވެ. ހުސްފަޔާއެވެ. އަދި މޮޅުކަމަކީ ރުއްގަނޑުގައި ކުޅޭ އެއްވެސް މެޗެއްގައި ރެފްރީން ނުތިބޭނެއެވެ. ދެޓީމުގެ ކެޕްޓަނުން ބުނާގޮތަކީ އެންމެ ފަހުގެ ގޮތެއެވެ.
އެންމެ ފުރަތަމަ ލަނޑުޖަހާ ޓީމުން އެމެޗްގެ ޖޯޒީ ކަނޑައެޅިގެންދާނެއެވެ. އެއްބަޔަކު ގަމީސް ބާލައިގެން އަނެއްބަޔަކު ގަމީސް ލީމަ އެހުރީ ޖޯޒީ ކަނޑައެޅިފައެވެ.
އަތިރިމަތީގެ ހިތްގައިމު ރުއްގަނޑުގައި މެޗް ނިންމާލާފައި ދާގޮތަށް އެންމެން އެއްކޮން މޫދަށް ފުއްމާލާނެއެވެ. މުޅިރުއްގަނޑު ހިރަފުސްކޮށް އެންމެ ފަހުން މޫދުވެސް ހަލަބޮލި ކޮށްލައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!