ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި ފަށާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިން އިތުރު ދާއިރާތަކުން މީހުން ނަން ނޯޓުކުރަން މިއަދު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން މިއަދު ނަން ނޯޓުކުރަން ހުޅުވާލާފައިވަނީ ހަ ދާއިރާއަކުންނެވެ. އެއީ ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ، އަދި ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

Ad
rt

ރައީސް އޮފީހުން ކުރި އިއުލާނެއްގައިވާ ގޮތުން، މި ބައްދަލުވުމުގައި ބައިވެރިވުމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. އަދި މި މަހުގެ 22 ވަނަ ދުވަހުގެރޭ 12:00 ގެ ކުރިން ނަން ނޯޓުކޮށް ނިންމަންޖެހޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މި ސިލްސިލާގެ މައިގަނޑު ބޭނުމަކީ ރައީސް ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ރައީސްއާއެކު ބޭއްވޭ މި ބައްދަލުވުމުގައި އަމިއްލަ ކަންކަމާއި އިދާރީ އަދި އިޖުތިމާއީ މަސްލަހަތު ހުރި ތަފާތު ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

މީގެއިތުރުން، މި ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް ވާހަކަދެއްކުމަށް 10 މިނިޓުގެ ވަގުތެއް ލިބިގެންދާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.