ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ދިއްދޫ ތާރީޚީ މޮޅެއް ހޯދައިފިއެވެ.

މިރޭ ކުޅުނު މެޗުގައި ދިއްދޫ އަށް ތާރީޚީ ލަނޑު ޖަހައިދިނީ އެ ޓީމުގެ ފޯވާޑް، ޖޯޒީ ނަންބަރު 26، ގާނާގެ ގިޑިއެން ޓެޓޭ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމެއް ބުރުގެ ގޯލް ކަނަށް ވައްދާލައިގެންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނިޓްގައި ދިއްދޫއިން ޖެހިލަނޑާއެކު މެޗުގެ ކުޅުން ވެސް ނިމުނީ އެނަތީޖާގައި އޮވެގެންނެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ދިއްދޫގެ މުހައްމަދު ޝިފާންއެވެ.

ދިއްދޫގެ ޓީމު ދިވެހި ޕްރެމިއާ ލީގަށް ނުކުތީ އެ ޓީމު ލީގަށް ކޮލިފައިކޮށްދިން ކާމިޔާބުކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) އާއެކުއެވެ. މެޗުގެ ކުރިން އިއްޔެގެ ޕްރި މެޗު ޕްރެސްގައި ޓީމަށް އިތުބާރު އެބައޮތް ކަމަށާއި، ތަފާތު ނަތީޖާތަކެއް ނެރެވޭނެ ކަމަށް ކޯޗު މުސްތަޓޭ ވަނީ ބުނެފައެވެ. އަދި ގަދަ ހަތަރަކީ އުންމީދެއްކަމަށް ބުނެފަވެއެވެ.

ފުޓްބޯޅައިގެ ހަގީގީ ފޯރި ދައްކާލަން ދިއްދޫ ނިކުންނަނީ؛ ގަލޮޅު ދަނޑުގެ ހިމޭންކަން ނައްތާލާނެ

ދިއްދޫއަކީ އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅުނު ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ދިއްދޫ އިން ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1ގެ ރަނަރަޕްގެ މަގާމު ހޯދާފައިވާއިރު އެ ޓީމު ވަނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ދިއްދޫ ނޯތު ރީޖަނަލްގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ. އަދި ދިވެހި ޕްރިމިއާ ލީގަށް އެޓީމު ކޮލިފައިވީ އަނެއް ތިން ރީޖަންގެ ޗެމްޕިއަނުން ބަލިކޮށް ރެކޯޑަކާއެކުއެވެ.

ލީގުގައި ދިއްދޫ ދެން ނުކުންނާނީ މިމަހު 16 ވަނަ ދުވަހު ވިކްޓްރީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. އެ މެޗުވެސް އޮންނާނީ މާލޭގައެވެ.