ސަންގު ޓީވީގެ ކުރީގެ ނޫސްވެރިޔާ ފާތިމަތު މަދަދާގެ ބަރަހަނާ ވީޑިއޯތަކެއް ލީކުވެގެން އުޅޭ ކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ، އެ ވާހަކަތައް ޝާއިއުކުރި މީޑިއާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުންދާ ކަމަށް އޭނާ ބުނެފިއެވެ.
މަދަދާ މިކަން ހާމަކޮށްފައިވަނީ އޭނާގެ އަބުރު ކަތިލުމުގެ ގޮތުން ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.
މަދަދާ ނެރުނު ބަޔާނުގައި ބުނެފައިވަނީ، "ނޫސްވެރިޔާ މަދަދާ ކަމަށް ބެލެވޭ ފަރާތެއްގެ ބަރަހަނާ ވީޑިއޯތަކެއް ލީކުވެއްޖެ" ކަމަށް ބުނެ ދިވެހިރާއްޖޭގެ ބައެއް ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ސަރުކާރުން ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަކުން ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާ ޚިލާފަށް، އޭނާގެ ބަހެއް ވެސް ހޯދުމެއް ނެތި މިފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، މިއީ ސީދާ އޭނާގެ އަބުރު ކަތިލުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަން ސާފުވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އޭނާގެ އެއްވެސް އޮރިޔާން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނުހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެމުން މަދަދާ ބުނީ، އެއްވެސް މީހެއްގެ ކުރިމަތީގައި އާންމުންގެ ތެރޭގައި މަގުބޫލުކަން ގެއްލިދާނެ ފަދަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނަގާފައި، އަދި އެއްވެސް މީހަކަށް ފޮނުވާފައިވެސް ނުވާނެ ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން އޭނާގެ އަބުރު ކަތިލުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ކަމަށް ބެލެވޭ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ އޭނާ ނޫން ކަމަށްވެސް ބަޔާނުގައި ސާފުކޮށްދީފައިވެއެވެ.
ސޯޝަލްމީޑިއާގެ މަންސަތަކުގައި އަނެއްކާވެސް އާންމުކޮށްގެން މި އުޅެނީ މީގެ އަހަރުތަކެއް ކުރިން ފެތުރި ފޮޓޯތަކާއި ވީޑިއޯތައް ކަން ފާހަގަކުރަމުން މަދަދާ ބުނީ، އެ ތަކެތި ނަގުލުކޮށްގެން ޚަބަރު ޝާއިއުކުރި މީޑިއާތަކުން އެކަން ކުރީ ބަރަހަނާ މަންޒަރު އުފެއްދުމާއި ފެތުރުމަކީ ކުށެއްކަން އަމިއްލައަށް ދެކެމުން ކަމަށެވެ. އަދި ނޫސްވެރިކަމުގައި އޭނާގެ އުސްތާޒުންގެ ގޮތުގައި ތިއްބެވި ބައެއް ނޫސްވެރިންގެ ފަރާތުން މިފަދަ ހުތުރު އަމަލުތަކެއް ފެނުމުން އިންތިހާއަށް ލަދުވެތިވާ ކަމަށްވެސް އޭނާ ބުންޏެވެ.
މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުންދާކަން ހާމަކުރަމުން މަދަދާ ބުނީ، ދިވެހިރާއްޖޭގައި އޮރިޔާންކާޑު އުފެއްދުމާއި، ގެންގުޅުމާއި، ފެތުރުމުގެ އިތުރުން އެފަދަ ގާނޫނީ ކުށްތަކަށް ހިތްވަރުދީ ލިޔުމަކީވެސް ކުށެއް ކަމަށެވެ. އަދި ސާބިތު ނުހިފޭ ތޯތޯ ވާހަކައިގެ މައްޗަށް މީހުންގެ އަބުރަށް އަރައިގަތުމަކީ ގާނޫނު މަނާކުރާ ކަމެއް ކަމަށާއި، އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ ފަސް މަގުސަދުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، މި އަމަލުތަކަކީ އިސްލާމްދީނުގެ އަސާސްތަކާވެސް ޚިލާފު ކަންކަން ކަމަށް އޭނާ ބުނެފައިވެއެވެ.
ނޫސްވެރިކަމުގެ މަސައްކަތުގައި އޭނާ އަބަދުވެސް އަމަލުކުރަނީ ފެންނަންހުރި ކަންކަމުގެ އަލީގައި އެވަގުތަކު ފެންނަ އެންމެ ރަނގަޅު ގޮތަށް ކަމަށާއި، އެކަމުގައި އުފެދޭ ހިޔާލުތަފާތުވުންތަކަކީ އަބުރު ކަތިލާން ފުދޭ ހުއްޖަތެއް ކަމަށް ބަޔަކު ދެކޭތީ ހިތާމަކުރާ ކަމަށް މަދަދާ ބުންޏެވެ. އަދި މިފަދަ ދަތި ވަގުތެއްގައި އޭނާއަށް ހިތްވަރުދީ، އިތުބާރު ކުރި އެންމެހައި ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!