ސައޫދީ އަރަބިއްޔާގެ ރިޔާޟް އަދި މަދީނާ ސަރަހައްދުން ދަތުރުކުރާ އެ ގައުމުގެ ސްޓްރެޓީޖިކް "އީސްޓް-ވެސްޓް" (އިރުމަތި-ހުޅަނގު) ތެޔޮ ހޮޅިއަށް ދިން އެކި ހަމަލާތަކަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮޅިން ތެޔޮ ފޮނުވުން މެދުކަނޑާލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ އެނާޖީ މިނިސްޓްރީން ހުކުރު ދުވަހުއެވެ. އެނާޖީ މިނިސްޓްރީގެ ރަސްމީ މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ، މި ހަމަލާތައް ދީފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެކި ވަރުގެ އަނިޔާތައް ބަޔަކަށް ލިބިފައިވާ އިރު، އަނިޔާވި ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ދީފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހަމަލާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކާއި ހާއްސަ ފަންނީ ޓީމުތަކުން ވަނީ ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފައެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން، ކަނޑައެޅިފައިވާ ރައްކާތެރިކަމުގެ އުސޫލުތަކާއި ކުއްލި ހާލަތްތަކުގައި އަމަލުކުރާ މާއްދާތަކާ އެއްގޮތަށް ތެޔޮ ހޮޅީގެ ރައްކާތެރިކަން ކަށަވަރުކޮށް، ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތަކާއި ފަހުގެ މައުލޫމާތުތައް، އޭގެ ވަގުތު ޖެހުމުން ހާމަކުރަމުންދާނެ ކަމަށްވެސް ސައޫދީ އެނާޖީ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި ހޯރުމުޒު ކަނޑުއޮޅި އަމަލީ ގޮތުން ބަންދުވުމާ ގުޅިގެން، ސައޫދީގެ ރޯ ތެޔޮ އެކްސްޕޯޓް ކުރުމުގައި އިރުމަތި-ހުޅަނގު ތެޔޮ ހޮޅިއަކީ އެ ގައުމަށް އެންމެ މުހިންމު އެއް މަގަށް ވެފައިވާތީ، މި ހޮޅީގެ ހިދުމަތް މެދުކަނޑާލުން ވެގެންގޮސްފައިވަނީ ނުހަނު ސީރިއަސް ކަމަކަށެވެ.
ޢަރަބި ކަނޑުއޮޅީގެ ޓާމިނަލްތަކުން ކުރިން ފޮނުވަމުންދިޔަ ދުވާލަކު ގާތްގަނޑަކަށް 5 މިލިއަން ބަރެލްގެ ތެޔޮ، ސައޫދީ އަރަބިއްޔާއިން ވަނީ މި ތެޔޮ ހޮޅި މެދުވެރިކޮށް ރަތްކަނޑުގެ ބަނދަރެއް ކަމަށްވާ ޔަންބުއަށް މިސްރާބު ބަދަލުކޮށްފައެވެ. މިއީ ސައޫދީގެ އިރުމަތީ ސަރަހައްދުގައި އުފައްދާ ރޯ ތެޔޮ ރަތްކަނޑުގެ އެކްސްޕޯޓް ވަސީލަތްތަކަށް ފޯރުކޮށްދިނުމަށް، ހޯރުމުޒު ކަނޑުއޮޅީގެ ބަދަލުގައި އެ ގައުމުން ބޭނުންކުރާ ސްޓްރެޓީޖިކް ބަދަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!