ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ " މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026"ގެ ހުކުރު ދުވަހުގެ މެޗުތައް ބާރަށާއި، ފިއްލަދޫ ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގައި ހުކުރު ދުވަހު ހަވީރު ހއ. ބާރަށާއި ހދ. ކުޅުދުއްފުށީ ސިޓީގެ ކުރިމަތިލުމުގައި ބާރަށް މޮޅުވީ ސީދާ ތިން ސެޓުންނެވެ. މިއީ މުބާރާތުގައި ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ ބައްޔެވެ. ކުޅުދުއްފުށީ ސިޓީން ވަނީ ކުރިން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ.
މި މުބާރާތުގައި ހުކުރުދުވަހުގެ ރޭ ހއ. ފިއްލަދޫ އާއި ހދ. ނޮޅިވަރަމްގެ ބައްދަލުކުރި މެޗު ފިއްލަދޫ ގެންދިޔައީ 3-1 ސެޓުންނެވެ. މިއީ މުބާރާތުގައި ފިއްލަދޫ ހޯދި ދެވަނަ މޮޅެވެ. ނޮޅިވަރަމަށް އަދި މެޗެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހު ހަވީރު ކުޅޭނީ ހަނިމާދޫ އާއި މުރައިދޫއެވެ. ރޭގަނޑު ކުޅޭނީ ވަށަފަރާއި ކެލައެވެ.
ހއ. އަދި ހދ އިން ޖުމްލަ 10 ރަށުން ބައިވެރިވެފައިވާ، މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް އާދީއްތަ ދުވަހު ނިމޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!