އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ކޯވިޑް-19 ގެ އެހީގެ ފައިސާ އަމިއްލަ މަންފާއަށް ބޭނުންކުރި މައްސަލައިގައި، ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އޭނާ އުމުރަށް ސަސްޕެންޑްކޮށް، 1.23 މިލިއަން ޑޮލަރުން (އެއް މިލިއަން ސުވިސް ފްރޭންކުން) ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
ފީފާއިން މި ނިންމުން ހާމަކޮށްފައިވަނީ ހުކުރު ދުވަހުއެވެ.
މަނީ ލޯންޑަރިންގާއި، ހިޔާނާތް އަދި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަހުގީގާ ގުޅިގެން ބައްސާމް މީގެ ކުރިންވެސް ހުރީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.
ފީފާއިން ބުނި ގޮތުގައި، އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލްވެސް ވަނީ 10 އަހަރުގެ މުއްދަތަށް ސަސްޕެންޑްކޮށްފައެވެ. އަދި އަގީލްގެ މައްޗަށް 100،000 ސުވިސް ފްރޭންކްގެ ޖޫރިމަނާއެއް ވަނީ ދައްކަން އަންގައިފައެވެ. އޭނާއަށް މި ފިޔަވަޅު އަޅާފައިވަނީ ފީފާގެ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކުރުމަށް މަގުފަހިކޮށްދީ އެކަން ފޮރުވުމާއި، ސައްހަނޫން ލިޔެކިޔުން ބޭނުންކުރުމާއި، ފީފާގެ މިނިވަން އެތިކްސް ކޮމިޓީއަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަމަށް ފީފާއިން ބުނެފައިވެއެވެ.
މީގެއިތުރުން، މޮންޓްސެރާޓް ފުޓްބޯޅަ އެސޯސިއޭޝަން (އެމްއެފްއޭ) ގެ ކުރީގެ ރައީސް ވިންސެންޓް ކެސެލްވެސް އުމުރަށް ސަސްޕެންޑްކޮށް، އެއް މިލިއަން ސުވިސް ފްރޭންކުން ޖޫރިމަނާކުރުމަށް ފީފާއިން ވަނީ ނިންމައިފައެވެ. ކެސެލްއަށް މި ފިޔަވަޅު އަޅާފައިވަނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމާއި، ސިސްޓެމެޓިކް މަސްލަހަތު ފުށުއެރުންތަކާއި، ފީފާ އަދި އެމްއެފްއޭގެ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ އިތުރުން، އެމްއެފްއޭގެ މުވައްޒަފުންގެ ޖިސްމާނީ އަދި ނަފްސާނީ ނަޒާހަތްތެރިކަމަށް އަސަރުކުރާފަދަ އަމަލުތަކެއް ހިންގުމުންނެވެ.
މީގެ އިތުރުން އެމްއެފްއޭގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޓަންޑިކާ ހިއުސް 15 އަހަރަށް ސަސްޕެންޑްކޮށް، 150،000 ސުވިސް ފްރޭންކުން ވަނީ ޖޫރިމަނާކޮށްފައެވެ. ހިއުސްއަށް މި ފިޔަވަޅު އަޅާފައިވަނީ ފީފާ އާއި އެމްއެފްއޭގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގި ނޭދެވޭ މުއާމަލާތްތަކުން އަމިއްލައަށް މަންފާ ހޯދައި، އެފަދަ މުއާމަލާތްތަކަށް މަގުފަހިކޮށްދީފައިވާތީ ކަމަށް ފީފާއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!