އިނގިރޭސި ޕްރިމިއާ ލީގުގެ ހަލް ސިޓީއަށް ކުޅެމުންދާ ވިންގަރު ސޯބާ ތޯމަސް އެ ކްލަބުގެ ޕްރެކްޓިސް ގްރައުންޑް ކައިރީގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓަކުން އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެއެވެ.
ހުކުރު ދުވަހު ހިނގި މި ހާދިސާގައި ތޯމަސްއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، އީސްޓް ރައިޑިން އޮފް ޔޯކްޝަޔާގެ ކޮޓިންހަމް އަވަށުގައެވެ. ހަނި މަގެއްގައި ހިނގި މި އެކްސިޑެންޓުގައި އޭނާ ދުއްވި ކާރު ފުރޮޅާލައި، އަނެއްފުށުން ޖެހިފައިވާއިރު، ކާރުގެ ބިއްލޫރިތައް ވަނީ ތެޅިގެން ގޮސްފައެވެ. ފުރޮޅާލާފައިވާ ކާރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
ހަލް ސިޓީއަށް ކުޅެމުންދާ ވިންގަރު ސޯބާ ތޯމަސް
މި ހާދިސާއާ ގުޅިގެން ހަލް ސިޓީން ނެރުނު ބަޔާނެއްގައި ބުނީ، ކްލަބުގެ ކޮޓިންހަމް ޓްރެއިނިން ގްރައުންޑް ކައިރީގައި ހިނގި އެކްސިޑެންޓަށް ފަހު ސޯބާ ތޯމަސްއަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވުމުން ވަރަށް ބޮޑު ހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.
އެ ކްލަބުން އިތުރަށް ބުނެފައިވަނީ ސޯބާގެ ކާރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން އެނގޭ ކަމަށާއި، ސަޕޯޓަރުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ އޭނާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާކަން ކަމަށެވެ. އަދި އޭނާ ކާރުން ނުކުމެފައިވަނީ އެއްވެސް ގެއްލުމެއް ނުލިބި ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ.
Hoping Sorba Thomas is okay. #HCAFC pic.twitter.com/WOO0IKREgz
— Hull City News ⚫️ (@HullCityStats) September 11, 2026
ވޭލްސްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ، އުމުރުން 27 އަހަރުގެ ސޯބާ ތޯމަސް، ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ހަލް ސިޓީއާ ގުޅުނީ މި މަހުގެ ކުރީކޮޅު ޓްރާންސްފާ ބާޒާރު ބަންދުވި ދުވަހުއެވެ. އޭނާ އެ ކްލަބަށް ބަދަލުވީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންޝިޕް ކްލަބު ސްޓޯކް ސިޓީންނެވެ.
ހަލް ސިޓީއަށް ބަދަލުވި ފަހުން ތޯމަސް ވަނީ އެ ޓީމަށް ދެ މެޗު ކުޅެދީފައެވެ. ލީގުގައި ކުޅުނު ތިން މެޗަށް ފަހު ތާވަލުގެ ތިންވަނައިގައި އޮތް ހަލް ސިޓީން ހޮނިހިރު ދުވަހު ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!