ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އެތެރޭގެ ހާލަތު އިތުރަށް ގޯސްވެ، މުޅި ދުނިޔޭގައި ކާބޯތަކެތީގެ އަގުތައް އުފުލި، ތަދުމަޑުކަމެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އދ.ގެ ވާލްޑް ފުޑް ޕްރޯގްރާމް (ޑަބްލިއުއެފްޕީ) އިން ދީފިއެވެ.
އެ އިދާރާއިން ބުނި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ޔަމަނުގެ ދާޚިލީ މަޝްރަހު ސުންނާފަތިވުމުގެ އިތުރުން، މުޅި ދުނިޔޭގެ ކާބޯތަކެތި ފޯރުކޮށްދޭ ނިޒާމަށް ވެސް ބޮޑެތި ލޮޅުންތަކެއް ދަނީ އަރަމުންނެވެ.
ޔަމަނުގެ އެތެރޭގެ ހާލަތަށް ބަލާއިރު، އެ ގައުމަކީ އާންމުކޮށް ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ ގާތްގަނޑަކަށް 90 އިންސައްތަ ބޭރު ގައުމުތަކުން އެތެރެކުރާ ގައުމެކެވެ. އޭގެ ތެރޭގައި އެ ގައުމަށް ބޭނުންވާ ގޮދަނުގެ 40 އިންސައްތައަށްވުރެ ބޮޑު ބައި ހިމެނެއެވެ. އެ ގައުމުގައި ހިނގަމުންދާ މަދަނީ ހަނގުރާމައާއި، ބަންދުކުރުމުގެ ނުރައްކަލުގެ އިތުރުން ފައިސާގެ އަގު ވެއްޓުމުގެ ސަބަބުން ފުށް، ކައްކާ ތެޔޮ، އަދި ހަކުރު ފަދަ އަސާސީ ތަކެތީގެ އަގުތައް 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ވަނީ އުފުލިފައެވެ.
އެތެރެކުރާ ތަކެތީގެ އަގު ބޮޑުވުމާއި އިންސާނީ އެހީގެ ފަންޑިންގްގެ ދަތިކަން ބޮޑުވުމުގެ ސަބަބުން، ޑަބްލިއުއެފްޕީއަށް ވަނީ ޔަމަނުގެ އެތައް މިލިއަން މީހުންނަކަށް ފޯރުކޮށްދޭ ކާބޯތަކެތީގެ މިންވަރު މަދުކުރަން މަޖުބޫރުވެފައެވެ. މީގެ ސަބަބުން އެ ގައުމުގެ ގިނަ ބަޔަކަށް ދުވާލަކު ބޭނުންވާ ކެލޮރީސްގެ މިންވަރުގެ ދެބައިކުޅައެއްބަޔަށްވުރެ މަދުން ނޫނީ ނުލިބޭކަމަށް އެ އިދާރާއިން ބުނެއެވެ.
ދުނިޔޭގެ ބާޒާރަށް މި ކަމުގެ އަސަރު ފޯރަމުންދާ ގޮތް ބަޔާންކުރަމުން ޑަބްލިއުއެފްޕީން ބުނީ، ރަތްކަނޑާއި، އިންޑިއާ ކަނޑާއި މެޑިޓަރޭނިއަން ކަނޑު ގުޅުވައިދޭ މުހިންމު ވިޔަފާރި މަގެއް ކަމަށްވާ ބާބު އަލްމަންދަބު ކަނޑުއޮޅީގައި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ކުރިއަށްދިއުމާއި ހަމަލާތައް ދެމުންދިއުމުގެ ސަބަބުން މުދާ އުފުލާ އުޅަނދުފަހަރަށް އެފްރިކާ ވަށާލާފައި ދާންޖެހިފައިވާ ކަމަށެވެ. މީގެ ސަބަބުން ދަތުރުގެ ވަގުތު އިތުރުވެ، މުދާ އުފުލުމުގެ އަގުތަކާއި ކަނޑުދަތުރުފަތުރުގެ އިންޝުއަރެންސް ޕްރީމިއަމްތައް އުފުލި، މުޅި ދުނިޔޭގައި އާންމުން ގަންނަ މުދަލުގެ އަގުތައް ދަނީ މަތިވަމުންނެވެ.
މެދުއިރުމަތީގެ ހަކަތައިގެ ވަސީލަތްތަކަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުތައް ވަނީ އުފުލިފައެވެ. ތެލުގެ އަގު މަތިވުމުގެ ސަބަބުން ދަނޑުވެރިކަމުގެ އޮޕަރޭޝަނަލް ހަރަދުތަކާއި، ގަސްކާނާ އުފެއްދުމުގެ ހަރަދުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ކާބޯތަކެތި އުފުލުމުގެ ހަރަދުތައް ސީދާގޮތެއްގައި ދަނީ ބޮޑުވަމުންނެވެ.
މީގެ އިތުރުން، ތަކެތީގެ އަގުތަކާއި ދަތުރުފަތުރާއި ތެލުގެ އަގުތައް އުފުލުމުގެ ސަބަބުން، ބައިނަލްއަގުވާމީ އެހީދޭ ޖަމްއިއްޔާތަކުން ތަކެތި ގަންނަން ކުރަންޖެހޭ ހަރަދުތައް ވަނީ ބޮޑުވެފައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީގެ ޕްރޮގްރާމްތަކުގެ ފޯރުންތެރިކަން ކުޑަވެގެންދާކަމަށް ޑަބްލިއުއެފްޕީން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!