ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ.
މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ، މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެއުމަށްފަހު ބޭއްވޭ މުބާރާތެކެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ އޮޑިޝަން ބުރު މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ.

މުބާރާތުގެ އޮޑިޝަން ބުރުގައި 2،742 ބައިވެރިން ކިޔަވާފައިވާއިރު، އޭގެ ތެރެއިން ސެމީ ފައިނަލް ބުރަށް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ 11 ސެޕްޓެމްބަރ 2026 އިން 14 ސެޕްޓެމްބަރ 2026 އަށެވެ. އަދި މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ 16 ސެޕްޓެމްބަރ 2026 އިން 17 ސެޕްޓެމްބަރ 2026 އަށެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!