ށ. އަތޮޅު ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް އެ އަތޮޅު މަރޮއްޓަށާއި، މާއުނގޫދޫއަށް އަށް ޒިޔާރަތްކޮށް ބަލިމީހުން ބެލުމުގެ ޚިދުމަތް ދީފިއެވެ.
މިއަދު ކުރިޔަށް ގެންދިޔަ މި ދަތުރުގައި އެކި ދާއިރާތަކަށް ޚާއްޞަ ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ.
އޭގެތެރޭގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން، ކަށީގެ ޙާއްޞަ ޑޮކްޓަރަކާއި އާންމު ބަލިތަކާއި އޮޕަރޭޝަން ޑޮކްޓަރެއް، ހިމެނޭ ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
ށ. އަތޮޅު ހޮސްޕިޓަލުގެ ޕްރިންސިޕަލް ހެލްތު ކެއާ އެޑްމިނިސްޓްރޭޝަން އޮފިސަރ އިބްރާހީމް ނާޒިމް "ތިލަދުން"އަށް ވިދާޅުވީ ޑޮކްޓަރުންގެ މި ދަތުރުތަކަކީ، އެ އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކެއް ކަމަށެވެ. އަދި ކޮންމެ ރަށަކަށް ދިޔުމުގެ ކުރިން، އެ ރަށަކަށް ބޭނުންވަނީ ކޮން ދާއިރާއެއްގެ ޑޮކްޓަރުންތޯ ބަލައި، އެ ރަށަކަށް އެ ވަގުތަށް، އެންމެ ބޭނުންތެރި ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮއްދޭކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ، މި ދަތުރުގެ ތެރެއިން ރަށްރަށުގެ ގްރޭޑް 10ގެ ހުރިހާ ދަރިވަރުންނަށް، ތެލަސީމިއާ ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.
އަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވީހާ ވެސް ގާތުން ޞިއްޙީ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮއްދިނުމުގެ މަޤްޞަދުގައި ކުރެވޭ މި ދަތުރުތަކުގައި، ބާކީ އޮތީ އެ އަތޮޅުން އެންމެ ތިން ރަށްކަމުގައި ނާޒިމް ފާހަގަ ކުރެއްވިއެވެ.
އެއީ އެ އަތޮޅު ޅައިމަގާއި، މިލަންދޫ އަދި ނަރުދޫއެވެ. ނާޒިމް ވިދާޅުވީ، މި ތިން ރަށަށް ވެސް ނުހަނު އަވަހަށް ޑޮކްޓަރުންގެ ޓީމުން ވަޑައިގަންނަވާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!