އަމިއްލަ ފަރާތަކުން ހއ. އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކުރުމުން އެކަމަށް ކުރިމަތިލުމަށް 26 އޯގަސްޓް 2026ގައި ހުޅުވާލި ފުރުސަތުގެ ދަށުން އެރަށުން އަލަށް ގޯތި ލިބޭ ފަރާތްތަކަށް ވެސް އެ ފުރުސަތުދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމަށް ނިންމާފައި ވަނީ، ކޮންޓްރެކްޓަރ ހުށަހަޅާ ތިން ކުރެހުމެއްގެ ތެރެއިން، ގޯތީގެ ވެރިފަރާތުން ބޭނުންވާ ކުރެހުމާއި އެއްގޮތަށެވެ. އަދި އެފަރާތުން ވަނީ އެރަށުގައި ފްލެޓް އަޅަން ވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެންވެ، މިގޮތަށް ގެ އަޅަން ބޭނުންވާ ރަށްޔިތުނާއި، ފްލެޓް ގަންނަން ބޭނުންވާ ރައްޔިތުން ދެނެގަންނަން ނަން ނޯޓުކުރަން އުތީމު ކައުންސިލުން 26 އޯގަސްޓް 2026ގައި ވަނީ ހުޅުވާލާފައެވެ.
އުތީމުން، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން ކުރި އިޢުލާނާ ގުޅިގެން، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް އެކައުންސިލުން މިއަދު ވަނީ އާންމުކޮށްފައެވެ.
އަމިއްލަ ގޯތީގައި ގެ އަޅައިދޭން އުތީމުގައި ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް
އުތީމުން އަލަށް ގޯތި ލިބޭ މީހުންގެ އެނގޭނޭ ލިސްޓް ނެރުމާއެކު އުތީމު ކައުންސިލުން ބުނީ، އެފަރާތްތަކަށް ވެސް 26 އޯގަސްޓް 2026ގައި އެ ކައުންސިލުން ހުޅުވާލި ފުރުޞަތުގެ ދަށުން ކުރިމަތިލުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އެހެންވެ މާދަމާ 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ގެ 13:00 ކުރިން އެ ފުރުސަތުގެ ބޭނުން ހިފުމަށް އުތީމު ކައުންސިލުން އެދިފަވެއެވެ.
މީގެ އިތުރުން އަލަށް ގޯތިލިބޭ ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކައުންސިލުން ކުރިއަށް ގެންދާނެކަމަށް ވެސް ކައުންސިލުން ބުނެފަވެއެވެ.
އަލަށް ގޯތި ލިބޭ ފަރާތްތަކުން، ގެ އިމާރާތްކުރުމަށާއި ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށާއި، ފޯމު ހުށަހަޅުއްވާއިރު، ގޯތީގެ ނަމުގެ ބަދަލުގައި އެ ފަރާތެއްގެ ނަން ޖެހުމަށް، އުތީމު ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!