އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސާގަރު ޑިސްޓްރިކްޓުގައި ވިހަ ބަނގުރާތަކެއް ބޮވުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރައި، 40 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ސާގަރުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަނުރާގް ސުޖާނިޔާ ވިދާޅުވި ގޮތުގައި މި ހާދިސާގައި މަރުވި 15 މީހުންގެ ތެރޭގައި ބަނގުރާ ވިއްކުމުގެ ނެޓްވޯކުގައި ހިމެނޭ ތުހުމަތުކުރެވޭ މީހަކުވެސް ހިމެނެއެވެ.

Ad
rt

މި ހާދިސާއާ ގުޅިގެން އެކްސައިޒް ތިން އޮފިޝަލަކާއި ދެ ފުލުހަކު ވަނީ ސަސްޕެންޑްކޮށްފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ 30 މީހުންގެ ތެރެއިން މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާއިރު، ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ހާދިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެ ޑިސްޓްރިކްޓްގެ ގުގްރާ ކުރުދް ގުރާމަށެވެ. އެ ގުރާމުން އެކަނިވެސް ފަސް މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން ފިރިހެނުން—ދެ ބެއިންނާއި ދެބެންގެދެދަރި ކުއްޖަކު—ހިމެނެއެވެ. އަދި އެ ގުރާމުގެ 30 މީހަކު އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށް އާންމުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އެސަރަހައްދުތަކާއި މުޅި ސްޓޭޓްގައި ބޮގަރު ކެއްކުމާއި ބަނގުރާއާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގުމަށްވެސް އިދިކޮޅު ލިޑަރު ވަނީ ގޮވާލައްވާފައެވެ.