ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއާ އެކު އޮތް ގުޅުން ބަދަހިކުރައްވަމުން ގެންދެވި ނަމަވެސް، ތިލަފުށީގެ ބިޔަ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ޗައިނާގެ ކުންފުންޏަކަށް ދީފައިވާތީ ޗައިނާއާއެކު އޮތް ގުޅުން ކަނޑާނުލާކަން ހާމަވާކަމަށްބުނެ އިންޑިއާގެ ނޫހެއް ކަމަށްވާ "އިންޑިއާ ޓުޑޭ" އިން ފާޑު ކިޔައިފި އެވެ.

އެ ނޫހުން ""ރާއްޖެއިން ބިޔަ މަޝްރޫޢުތައް ޗައިނާއަށް ދީފައި އިންޑިއާއަށް ދިނީ ހަމައެކަނި ދެއްކުންތެރި ބަސްތަކެއްތަ؟" މި ސުރުހީގެ ދަށުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ތިލަމާލެ ބްރިޖު ސިފަކުރެއްވިތާ ހަފުތާއެއްހާ ދުވަސް ފަހުން މި މައްސަލަ އަލުން ފެންމަތިވެފައިވާކަމަށް ބުނެފައިވެއެވެ.

Ad
rt

ސަރުކާރުގެ މީޑިއާ ޕީއެސްއެމް ނިއުސްއާ ޙަވާލާދީ އިންޑިއާ ޓުޑޭ އިން ވަނީ އެ ތިލަފުށީ ޕޯޓުގެ ތަފްސީލުތައްވެސް ރިޕޯޓުކޯށްފައެވެ. އެގޮތުން، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ތިލަފުށީ ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ނުވަތަ ލޯކަލް ހާބަރު ރިލީފް ޕްރޮޖެކްޓްގެ ފުރަތަމަ ފޭސް ޗައިނާ ހާބަރު އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

"އެހެންކަމުން، މި ދެ މަޝްރޫޢު ވެސް ކުރިއަށް މިދަނީ އެއް ސްޓްރެޓީޖިކް ސަރަޙައްދެއްގައެވެ. މިއީ މުހިންމު ކަމެކެވެ. ސަބަބަކީ އިންޑިއާ ކަނޑުގައި ބަނދަރުތަކަކީ ހަމައެކަނި އިޤްތިޞާދީ އިންފްރާސްޓްރަކްޗަރ އެއް ނޫނެވެ؛ ދުނިޔޭގެ އެންމެ ކާރޫބާރު ބޮޑު ކަނޑުގެ ދަތުރުފަތުރުގެ މަގުތަކާ ކައިރީގައި ދިވެހިރާއްޖެ އޮތުމުގެ ސަބަބުން، މިއީ ސްޓްރެޓީޖިކް ގޮތުން ވެސް ބޮޑު އަހައްމިއްޔަތުކަމެއް އޮތް ކަމެކެވެ." އެނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ސީނިއަރ ނޫސްވެރިޔާ ޖަޔަންތާ ރޯއި ޗައުދުރީ 2024 ވަނަ އަހަރު 'ދަ ސެކްރެޓޭރިއަޓް' ގައި ލިޔުއްވި ތަޙުލީލެއްގައި، ދިވެހިރާއްޖޭގެ އިންފްރާސްޓްރަކްޗަރގެ ވަށައިގެންވާ ސްޓްރެޓީޖިކް ވާދަވެރިކަމަށް އަލިއަޅުއްވާލައްވާފައިވާކަމަށާއި އޭޝިއާ އަދި މެދުއިރުމަތި ގުޅުވައިދޭ މުހިންމު ކަނޑުދަތުރުފަތުރުގެ މަގުތަކުގެ މެދުގައި ރާއްޖެ އޮތުމުގެ ސަބަބުން، އިންޑިއާއާއި ޗައިނާ މި ދެ ޤައުމުން ވެސް މި ޖަޒީރާ ޤައުމުގައި ނުފޫޒު ގަދަކުރުމަށް މަސައްކަތްކޮށްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"ރާއްޖޭގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުގެ ނަތީޖާ، ހަމައެކަނި އިންފްރާސްޓްރަކްޗަރ އަކަށްވުރެ މާ ދުރަށް ފޯރާކަމެއް" ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއެއްގެ ގޮތުގައި ބުނެފައިވެއެވެ.

"އިންޑިއާއާއި ޗައިނާގެ ދެމެދުގައި މުޢިއްޒު ގެންގުޅުއްވާ ހަމަހަމަކުރުމުގެ ސިޔާސަތު އިތުރަށް އޮޅުންބޮޅުންވަނީ" މި ސަބް ޓިޕިކްގެ ދަށުން ލިޔެފައިވާ ގޮތުގައި، ޗައިނާއަށް ދިން ބަނދަރުގެ ކޮންޓްރެކްޓުން ހަނދާންކޮށްދެނީ، އިންޑިއާއާއެކު ރައީސް މުޢިއްޒު ގުޅުން ރަނގަޅު ކުރެއްވި ނަމަވެސް، ރާއްޖެއިން ބެއިޖިންގ ދޫކޮށްނުލާ ކަމުގައެވެ.

ރައީސް މުޢިއްޒު 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ކެމްޕޭނުގެ ތެރެއިން ކަމަށްވާއިރު، ގިނަ ބަޔަކު ދެކުނު ގޮތުގައި އެމަނިކުފާނުގެ ތާޢީދު ބޮޑީ ޗައިނާއަށް ކަމަށާއި ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްކަމަށާއި އަދި އެ ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ވަނީ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އަކަށް މަތިކޮށްފައިކަމަށް ބުނެފައިވެއެވެ.

"ނަމަވެސް، އިޤްތިޞާދީ ޙަޤީޤަތްތަކުގެ ސަބަބުން ރާއްޖެއަށް ވިސްނުން ބަދަލުކުރަން މަޖުބޫރުވިއެވެ. 2024 ވަނަ އަހަރު 'ދަ ސެކްރެޓޭރިއަޓް' އިން ރިޕޯޓުކުރި ގޮތުގައި، ދިވެހިރާއްޖެއަށް ވަނީ ބޮޑު ދަރަނީގެ ބުރައާއެކު މާލީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި ޙާލަތުގައި އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެރޭންޖްމަންޓަކާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) މެދުވެރިކޮށް 3،000 ކްރޯޑް ރުޕީސް ހިމެނޭ ގޮތަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެއިތުރުން، ބޭރުގެ ދަރަނިތައް އަދާކުރުމަށް ރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ ކުރު މުއްދަތުގެ މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ." އެނޫހުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް، ތިލަފުށީ ބަނދަރުގެ އެއްބަސްވުމުން ހާމަވަނީ، ރާއްޖެއިން ހަމައެކަނި އިންޑިއާ ނުވަތަ ޗައިނާ، މިއިން އެއް ޤައުމު ޚިޔާރުނުކުރާ ކަމަށާއި ރާއްޖެއަށް އިންފްރާސްޓްރަކްޗަރއާއި، އިންވެސްޓްމަންޓާއި އަދި އިޤްތިޞާދީ އެހީތެރިކަން ބޭނުންވާ އިރު، ޗައިނާއަކީ އަދިވެސް މުހިންމު ބައިވެރިއެއް ކަަމަށެވެ. 2023 ވަނަ އަހަރު "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ރައީސް މުޢިއްޒު މިހާރު އިންޑިއާއާއެކު ސިޔާސީ ގޮތުން އެކުވެރި މިސްރާބަކަށް ވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، ޗައިނާއަށް ދިން ބަނދަރުގެ ކޮންޓްރެކްޓުން ދައްކުވައިދެނީ ރާއްޖޭގެ އިޤްތިޞާދީ އަދި އިންފްރާސްޓްރަކްޗާގެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދެ ޤައުމުވެސް ގާތްކޮށް ބައިތިއްބައިގެން ފައިދާ ހޯދުމުގެ ސިޔާސަތެއް ދިވެހި ސަރުކާރުން ގެންގުޅޭ ކަމެވެ.

ތިލަފުށީ ޕޯޓުގެ މަޝްރޫޢުގެ ދަށުން މިހާރު އޮތް ފަސް ހެކްޓަރުގެ ބަނދަރު 20 ހެކްޓަރަށް ބޮޑުކޮށް، 650 މީޓަރުގެ ކުއޭ ވޯލްއަކާއި 125 މީޓަރުގެ މަގުމަތީ ޖެޓީއެއް ހެދުމުގެ އިތުރުން، ބޮންޑެޑް ވެއާހައުސްއަކާއި އެކްސްރޭ ފެސިލިޓީ އަދި އޮޓޯމޭޓެޑް ޚިދުމަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ރިޝްވާން ވިދާޅުވީ މިއީ އެމްޕީއެލްއިން 40 އަހަރު ވަންދެން ދެކެމުންއައި ހުވަފެނެއް ކަމަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މުދާ ކްލިއާ ކުރުމަށް ނަގާ ވަގުތު ފަސް ދުވަހުން 48 ގަޑިއިރަށް ކުޑަކުރުމެވެ. މީގެ އިތުރުން، މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢު 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމުމަށް ރައީސް މުޢިއްޒު ވަނީ އަމާޒު ހިއްޕަވާފައިކަމަށްވެސް ރިފޯޓުގައި ހިމަނާފައިވެއެވެ.

ޗައިނާގެ ކުންފުންޏަކަށް މި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ދީފައިވާއިރު، ތިލަފުއްޓަކީ އިންޑިއާގެ އެހީގައި ކުރިއަށްދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ގެ ސަރަހައްދެއްވެސް މެއެވެ. މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ 6.7 ކިލޯމީޓަރުގެ މި ބްރިޖާއި ކޯޒްވޭގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން އެފްކޮންސް އިންފްރާސްޓްރަކްޗާއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ރައީސް މުޢިއްޒު ވަނީ ތިލަމާލެ ބްރިޖަކީ ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ގާތް، ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށް ވިދާޅުވެ، އިންޑިއާ ސަރުކާރަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވާފައިވާކަން ވެސް ހިނަމާފައިވެއެވެ.

ޖީ.އެމް.ސީ.ޕީ އަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 6.7 ކިލޯމީޓަރުގެ ބްރިޖުތަކާއި، މަގުތަކާއި ކޯޒްވޭތަކުގެ ނެޓްވޯކެކެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކާއި، އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރަމުންދަނީ އެފްކޮންސް އިންފްރާސްޓްރަކްޗަރ އިންނެވެ.