އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި 2024 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ދިން ޗިޓާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު އުޒުރުވެރިވެވަޑައިގެންފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 2024 ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އެ އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Ad
d

ނަމަވެސް، 2026 ސެޕްޓެންބަރު 05 ވަނަ ދުވަހު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއްގައި، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށްވާތީ، އެ މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ ޗިޓު ހަވާލުކުރަން 2026 ސެޕްޓެންބަރު 07 ވަނަ ދުވަހުގެ އިރުއޮއްސި 18:40 ހާއިރު ހ. ދޫވެއްސަށް ފުލުހުން ގޮސްފައިވެއެވެ.

ފުލުހުން ބުނީ އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައި ކަމަށެވެ. އަދި އޭގެ ބަދަލުގައި އެމަނިކުފާނު ދެއްވި ލިޔުމެއްގައި، މި މައްސަލައާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

Ad
df

ފުލުހުންގެ ބަޔާން ނިންމާލަމުން ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް ސާބިތުނުހިފޭ މައުލޫމާތު އާންމުކުރުމުގެ ބަދަލުގައި، ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.