މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ބިޑިއާއި 140.03 ގުރާމުގެ ތަކެއްޗާއެކު ދެ ޒުވާނަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެ މީހުން ގެންގޮސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ވެމްކޯ ބުރިޖު ކައިރިންނެވެ.

Ad
rt

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފ. މަގޫދޫ، ހަނދުވަރީގެ، އިސްމާޢީލް އިޒްހާން (25އ) އާއި ލ. އިސްދޫ، ހުސްނޫގެ، އާމިނަތު ރުޝްދާ (21އ) އެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ބިޑި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިސްމާޢީލް އިޒްހާން 15 ދުވަހަށް އަދި އާމިނަތު ރުޝްދާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.