ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާ ދެމެދު 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ފްރޭމްވޯކް އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، ސަރުކާރަށާއި އަދި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިންގ ފެސިލީޓީތައް ހަމަޖެއްސުމަށް ވަނީ އެއްބަސްވެފައެވެ.

Ad
rt

2026 އިން 2031 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދާ މި އެއްބަސްވުމުގައި ސޮއިކުރީ އައި.ޓީ.އެފް.ސީގެ ސީ.އީ.އޯ އިންޖިނިއަރ އަދީބު ޔޫސުފް އަލް-އާމާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަދި ރާއްޖެއިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ކަނޑައަޅުއްވާފައިވާ ގަވަރުނަރު ހަސަން ޒަރީރެވެ.

މި ފްރޭމްވޯކްގެ ދަށުން، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޝަރުތު ހަމަވާ އަމިއްލަ ކުންފުނިތަކަށްވެސް މި ޓްރޭޑް ފެސިލިޓީގެ ދަށުން ބޭންކުތައް މެދުވެރިކޮށް ފުރުސަތުތައް ހުޅުވިގެންދާނެއެވެ. އަދި ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަމާއި އިރުޝާދު ދިނުމާއި، ބައިނަލްއަގުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ ތަރައްގީގެ އަމާޒުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މިނިސްޓްރީން ބުނީ، މިއީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. ނިމިދިޔަ އެއްބަސްވުމުގެ ދަށުން އައި.ޓީ.އެފް.ސީ އިން 1.5 ބިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ކަނޑައެޅިކަމުގައިވިޔަސް، އޭގެ ތެރެއިން 1.7 ބިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އިދާރާއިން ވަނީ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އައި.ޓީ.އެފް.ސީ އުފެދުނީއްސުރެ ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފައި ކަމަށެވެ.

"ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްދިން އެހީތެރިކަން، މިހާރު ވަނީ ވިޔަފާރިއާއި ތަރައްގީގެ ދާއިރާތަކަށް ބަދަލުވެފަ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ތެރޭގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އިމްޕޯޓްކުރުމުގެ އިތުރުން، މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދޭ އެހީތެރިކަން ހިމެނޭކަންވެސް މިނިސްޓަރު ޒަރީރު ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް 2017 ވަނަ އަހަރުން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަށް ދެމުންދާ ޓްރޭޑް ފައިނޭންސް ފެސިލިޓީއަކީ މި ގުޅުމުގެ މުހިންމު ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މި ފެސިލިޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ގަތުމަށް ބޭނުންވާ ފައިސާ ހަމަޖެހި، ދައުލަތުގެ ވިޔަފާރި މުއާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާ ކަމަށެވެ.

އައި.ޓީ.އެފް.ސީގެ ސީ.އީ.އޯ އިންޖިނިއަރ އަދީބު އަލް-އާމާ ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ގިނަ އަހަރުތަކެއްގެ ގާތް ގުޅުމުގެ ނަތީޖާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރ އާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ ދަށުން ހިންގާ، ވިޔަފާރި ފައިނޭންސްކުރުމަށް ޚާއްޞަ އިސްލާމީ މާލީ އިދާރާއެކެވެ. ޖެނުއަރީ 2008 އިން ފެށިގެން އޮޕަރޭޓްކުރަމުން އަންނަ މި އިދާރާގެ މައި އޮފީސް ގާއިމުވެފައިވަނީ ސުޢޫދީ ޢަރަބިއްޔާގެ ޖައްދާގައެވެ. މި އިދާރާގެ މައިގަނޑު މަޤްޞަދަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމެވެ.

އައިޓީއެފްސީން އަންނަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް އެހީތެރިވެދިނުމުގެ ގޮތުން، ކާބޯތަކެއްޗާއި ހަކަތައިގެ ސަޕްލައި ޗެއިންތައް ރައްކާތެރިކުރުމަށާއި މުހިންމު އިމްޕޯޓާއި އެކްސްޕޯޓުގެ ބޭނުންތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން މުރާބަޙާ ފަދަ އިސްލާމީ މާލީ އުޞޫލުތަކާ އެއްގޮތަށް ޝަރީޢާ ހުއްދަކުރާ ވިޔަފާރި ފައިނޭންސިންގ ފޯރުކޮށްދިނުމުގެ އިތުރުން، ފަންނީ އެހީތެރިކަމާއި، ޑިޖިޓަލް ޓްރޭޑް އިނިޝިއޭޓިވްތައްވެސް އެ އިދާރާއިން ހިންގައެވެ.

މީގެ އިތުރުން، އައިޓީއެފްސީގެ އެހީތެރިކަން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ޤައުމީ ތަރައްޤީއަށް މުހިންމު ދާއިރާތަކަށެވެ. އޭގެ ތެރޭގައި ހަކަތައިގެ ދާއިރާ (ތެލާއި ގޭސް އަދި ކަރަންޓުގެ ޚިދުމަތް)، ދަނޑުވެރިކަމަށް ބޭނުންވާ ތަކެއްޗާއި، މުހިންމު ކޮމޮޑިޓީސްގެ އިތުރުން، މެންބަރު ޤައުމުތަކުގެ ޤައުމީ ބޮޑެތި އުމްރާނީ ތަރައްޤީގެ ދާއިރާތައް ހިމެނެއެވެ.