ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުުގަނެ، ޑޮލަރު މާރުކުރުމުގެ އުސޫލުތައް ކަނޑައެޅީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށް ސަރުކާރުން ބުނެފިއެވެ.
ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި މިއަދު ބަޔާނެއްގައި ވަނީ، މަޓީއާ މަޝްވަރާނުކޮށް ސަރުކާރުން އެ ނިންމުން ނިންމި ކަމަށް ބުނެ މީޑިއާއެއްގައި ފަތުރާފައިވާ ޚަބަރަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޮންލައިން ނޫހެއްގައި 6 ސެޕްޓެމްބަރު 2026 ގައި ލިޔެފައިވާ "ބުހުތާނު ދޮގެއް: އާމްދަނީގެ %40 މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން" ސުރުޚީގެ ޚަބަރުގައި ކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެކެވެ. އެ ޚަބަރުގައި، ރިސޯޓްތަކުގެ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރީ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށް ސްޕޯކްސްޕާސަން ދެއްކެވި ވާހަކައަކީ ދޮގެއް ކަމަށާއި، ސަރުކާރުގެ އެ ނިންމުމަކީ ސަޕްރައިޒެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. މި ގާނޫނުގައި ކަނޑައަޅާފައިވާ ކެޓެގަރީ އޭ ގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައެވެ. އަދި ކެޓެގަރީ ބީ ގެ އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ގާނޫނަށް އައި މި ބަދަލާއި ޖުމުލަގޮތެއްގައި މާލިއްޔަތާ ގުޅޭގޮތުން ގެނެވުނު އިޞްލާޙުތަކާ މެދު އެއްފަހަރަށްވުރެ ގިނަ ފަހަރު މަޓީއާއެކު މަޝްވަރާކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރުން މަޓީގެ އެކި ވެރިންނާއެކު ވަކިވަކިންވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.
މިގޮތުން ބޭއްވުނު އެންމެ ފަހު ބައްދަލުވުމަކީ ފާއިތުވި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެވެ. މަޓީއަށް ދައުވަތު ދީގެން ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ އިސްވެރިންނާއި މަޓީގެ ވެރިންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، 24 އޮގަސްޓް 2026 ގައި މަޓީން ނެރުނު ޕްރެސް ރިލީޒުންވެސް މި މަޝްވަރާ ބައްދަލުވުމުގައި އެ ޖަމިއްޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިކަން ހާމަވާކަމަށް ސަރުކާރުން ބުނެއެވެ.
އޮގަސްޓް 23 ގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު ބައިވެރިވެވަޑައިގަތެވެ. މަޓީގެ ފަރާތުން 6 ބޭފުޅަކު ބައިވެރިވެވަޑައިގަތްއިރު، އެންމެ އިސްބޭފުޅުންގެ ގޮތުގައި ތިއްބެވީ އެ ޖަމިއްޔާގެ ވައިސް ޗެއަރމަނާއި، ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއެވެ.
އެހެންކަމުން މަޓީއާ މަޝްވަރާކޮށްފައި ނުވާ ކަމަށާއި، މިއީ އެ ޖަމިއްޔާއަށް އައި ކުއްލި ހައިރާންކަމެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން ވިދާޅުވިއެވެ. އަދި ނޫހުގައި ސްޕޯކްސްޕާސަން ހެއްދެވީ "ބުހުތާނު ދޮގެއް" ކަމަށް ވިދާޅުވެފައިވަނީ ހަގީގަތާ ހިލާފަށް ކަމަށާއި، ބައެއް މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ ހުރިހާ ފަރާތްތަކެއްގެ މައުލޫމާތަށްޓަކައި މި ހަގީގަތް ހާމަކުރެއްވީ ކަމަށް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!