ހދ. ނައިވާދޫގައި ކުރިއަށް ގެންދިޔަ ދީނީ ފޯރަމް ''މަންފާ ދަތުރު"، ކައުންސިލުން އުއްމީދު ކުރި ވަރަށް ވުރެ މާ ފުރިހަމަކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން، ނައިވާދޫ ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) ގުޅިގެން "ވަޙްދަތުގެ ނޫރު 2026" ނަމުގައި 3 ދުވަހަށް ކުރިއަށް ގެންދިޔަ މި ފޯރަމަށް އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެއެވެ.
ކައުންސިލްގެ ރައީސް މުޙައްމަދު ނައުފަލް "ތިލަދުން"އަށް ވިދާޅުވިގޮތުގައި، މަންފާ ދަތުރާއެކު އެ ރަށަށް ހީވީ ދީނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ސްކޫލްގެ ދަރިވަރުންނާއި، ޒުވާނުން އަދި ބެލެނިވެރިންނާއެކު ރަށުގެ އެންމެހާ ރައްޔިތުން ޝާމިލްކޮށްގެން ޕްރޮގްރާމްތައް ހިންގީތީ، ރަށުގެ ރައްޔިތުން ތިބީ ވަރަށް އުފަލުންކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ނައިވާދޫ ކައުންސިލްގެ ރައީސް ނައުފަލް، މަންފާ އެކަޑަމީގެ ޗެއާ އަށް ހަނދާނީ ފިލައެއް ދެނީ، ފޮޓޯ: ނައިވާދޫ ޓްރޭނާސް
" އަޅުގަނޑުމެންގެ އަޚް ޢަލީރަމީޒާއި ޝެއިޚް ނިޝާން، މި ފޯރަމް ކުރިއަށް ގެންދެވީ އަޅުގަނޑުމެން، އެދުނު ވަރަށް ވުރެ ވެސް ބޮޑަށް، އުއްމީދު ކުރި ވަރަށް ވުރެން ވެސް މާ ފުރިހަމައަށް. ރަށުގެ ކުދިބޮޑު އެންމެން ވަރަށް ގުޅިގެން މި ތިން ދުވަސް މި ހޭދަކޮށްލީ ދީނީ ޢީދެއްގެ ތެރޭގައި." ކައުންސިލް ރައީސް ނައުފަލް ވިދާޅިވިއެވެ.
މީގެއިތުރުން ނައިވާދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަހަރު އަދިވެސް، މި ފަދަ ދީނީ ޕްރޮގްރާމްތައް ބާއްވަން ރާވަމުންދާކަމަށެވެ.
މަންފާ ދަތުރުގައި، ނައިވާދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ނަމާދުތަކަށް ފަހު، ދަރުސް ދެއްވުމާއި، ސްކޫލް ކުދިންނަށް، ނަމާދު ސެޝަނެއް އަދި ހަމައެކަނި ފިރިހެން ކުދިންނަށް ބަންގި ސެޝަނެއް ހިމެނެއެވެ. އަދި 8 އަހަރާއި 14 އަހަރުގެ ދެ ޖިންސުގެ ކުދިންނަށް ކުޑަކުދިންގެ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް، ދަރުހެއް ވެސް މި ދަތުރުގައި ބާއްވާފައިވެއެވެ. މީގެއިތުރުން ޒުވާނުންގެ ކޮފީގައި ވެސް ތަފާތު އެކި މައުޟޫތަކަށް ދީނީ ނަޞޭޙަތްދެވިފައިވެއެވެ.
ކައުންސިލުން ހާމަކުރިގޮތުގައި، ނައިވާދޫއަކީ އަޚް އަލީރަމިޒްގެ ބައްޕަގެ ރަށަށް ވީތީ، އެ ފަޚުރުގައި އެ ހަފުތާގެ ހުކުރު ޚުޠުބާ ޢަލީރަމީޒާ ޙަވާލުކުރެއްވިކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!