ކާރިސާތަކާއި ކުއްލި އެމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ ކަމަށްވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި ހުޅުމާލެ ފޭސް 2 އިން ދާއިމީ ބިމެއް ސަރުކާރުން ހަމަޖައްސައިދީ، އެ ބިން ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލުކޮށްފިއެވެ.

އެ އޮތޯރިޓީން ބުނީ އެ އޮތޯރިޓީ އަށް ބިމެއް ހަމަޖައްސައިދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން، ހުޅުމާލެ ފޭސް 2 އިން ކަމަށެވެ. އަދި އެއީ 13,574 އަކަފޫޓުގެ ބިމެއްކަމަށް ވެސް ބުންޏެވެ.

Ad
rt

އެންޑީއެމްއޭ އިން ބުނިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިލުންތެރި ސިޔާސަތުގެ ދަށުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލް ކުރުމަށް ހަމަޖައްސައިދެއްވި މި ބިމުގައި މުހިންމު ވަސީލަތްތަކެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އިމަރޖެންސީ ވެއާހައުސްއެއް އަދި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ޚާއްސަ ފެސިލިޓީއެއް މި ބިމުގައި ގާއިމުކުރާނެކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މި އާ ބިމާއެކު، ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ޤައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެންޑީއެމްއޭގައި މިހާރަށްވުރެ އެތައް ގުނައަކަށް އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.