އިންޑިއާގެ ކާށީގެ ދަނޑުވެރިކަމާއި އޭގެ އުފެއްދުންތައް އެކްސްޕޯޓްކުރުން ބޮޑުތަނުން އިތުރުވެ، އެ ގައުމުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނަމުންދާ ކަމަށް އެ ގައުމުގެ ކޮކޮނަޓް ޑިވެލޮޕްމަންޓް ބޯޑުން ބުނެފިއެވެ.
2025-2026 ވަނަ އަހަރުގެ މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި، އެ ގައުމުގެ ކާށީގެ އެކްސްޕޯޓް 62 އިންސައްތަ އިތުރުވެ، އެކްސްޕޯޓުން ލިބުނު އާމްދަނީ 7،038 ކްރޯޑް އިންޑިއަން ރުޕީސްއަށް ވުރެ މައްޗަށް ޖެހިލާފައިކަމަށް ދައްކައެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނައިން ކާށި އުފައްދާ އެންމެ ބޮޑު ގައުމަކީ މިހާރު އިންޑިއާއެވެ. އެ ގައުމުގެ 2.19 މިލިއަން ހެކްޓަރުގެ ބިމުގައި ކާށި ހައްދައިގެން އަހަރަކު 20،300 މިލިއަނަށް ވުރެ ގިނަ ކާށި އުފައްދައެވެ. މިއީ ކުރިން ހަމައެކަނި ކައްކާ ތެލާއި ކުރުނބާ ފެން ހޯދުމަށް ބޭނުންކުރި އުފެއްދުމެއް ނަމަވެސް، މިހާރު މި ދާއިރާއަކީ އިންޑިއާގެ 30 މިލިއަން މީހުންގެ ދިރިއުޅުމާ ގުޅިފައިވާ ބޮޑު ސިނާއަތެކެވެ. އޭގެ ތެރޭގައި 10 މިލިއަން ދަނޑުވެރިން ހިމެނެއެވެ.
އިންޑިއާއިން ކުރިން ކާށި އެކްސްޕޯޓް ކުރި ނަމަވެސް، މިހާރު އެ ގައުމުން އެކްސްޕޯޓް ކުރަނީ ކާށިން އުއްފައްދާފައިވާ އެކި ކަހަލަ އުފެއްދުންތަކެވެ. އޭގެ ތެރޭގައި ކާށި ކިރާއި، ވާޖިން ކޮކޮނަޓް އޮއިލް އަދި ކާށި ކިރުގެ ޕައުޑަރު ހިމެނެއެވެ. 2001-2002 ވަނަ އަހަރު ކާށީގެ އެކްސްޕޯޓުން ލިބުނީ 25.3 ކްރޯޑް ރުޕީސް ކަމަށްވާއިރު، މިހާރު ދުނިޔޭގެ 155 އަށް ވުރެ ގިނަ ގައުމަށް އިންޑިއާގެ ކާށީގެ އުފެއްދުންތައް އެކްސްޕޯޓް ކުރެއެވެ. އޭގެ ތެރޭގައި ވިލާތުގެ ގައުމުތަކާއި، އެމެރިކާ، އިނގިރޭސިވިލާތް އަދި ގަލްފުގެ ގައުމުތައް ހިމެނެއެވެ.

އެކްސްޕޯޓް ކުރެވޭ އުފެއްދުންތަކުގެ ތެރެއިން އެންމެ އާމްދަނީ ބޮޑީ ނާށި އެންދުމަށްފަހު އުފެއްދުމަށް ބަދަލުކުރާ "އެކްޓިވޭޓެޑް ކާބަން" އެވެ. ކާށީގެ އުފެއްދުންތަކުގެ އެކްސްޕޯޓުގެ 67 އިންސައްތަ ހިއްސާކުރަނީ މި އުފެއްދުމެވެ. 2025-2026 ވަނަ އަހަރު އެކަނިވެސް 1.8 ލައްކަ ޓަނުގެ އެކްޓިވޭޓެޑް ކާބަން އެކްސްޕޯޓްކޮށްގެން 4،688.89 ކްރޯޑް ރުޕީސް ވަނީ ހޯދާފައެވެ. މި ތަކެތި ބޭނުންކުރަނީ ރަން ހެދުމުގެ މަސައްކަތާއި، ފެނާއި ވައި ސާފުކުރުމާއި، ބޭސް އުފެއްދުމާއި އަދި އެނާޖީ ސްޓޯރޭޖް ވަސީލަތްތައް އުފެއްދުމުގައެވެ.
އިންޑިއާގައި ކާށި ހައްދާ އެންމެ ބޮޑު ސަރަހައްދަކީ ކެރަލާ އެވެ. އެ ގައުމުގެ 22 ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީތަކުގެ ދަނޑުވެރިންނަށް އިރުޝާދުދޭ ކޮކޮނަޓް ޑިވެލޮޕްމަންޓް ބޯޑުގެ ހެޑްކުއާޓަރު ކޮޗީގައި ހުންނައިރު، ކެރަލާގެ 7.54 ލައްކަ ހެކްޓަރުގެ ބިމުގައި ކާށި ހައްދައި، އަހަރަކު 5،149 މިލިއަނަށް ވުރެ ގިނަ ކާށި އުފައްދައެވެ. މީގެ އިތުރުން އެންމެ ގިނައިން ކާށި އުފައްދަނީ ތަމިލްނާޑޫއިން ކަމަށްވާއިރު، ހެކްޓަރަކުން އެންމެ ގިނައިން ކާށި ލިބެނީ އަންދުރަ ޕްރަދޭޝްއިންނެވެ. އަދި ޗައްތީސްގަަރު ފަދަ އާ ސަރަހައްދުތަކުގައިވެސް މިހާރު ދަނީ ކާށި ހައްދަން ފަށަމުންނެވެ.

ދަނޑުވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ މާކެޓް އަގުތައް ކަނޑައަޅައިދީފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ސީޒަނަށް "މިލިންގް ކޮޕްރާ" ކުއިންޓަލަކަށް 12،027 ރުޕީސް އަދި "ބޯލް ކޮޕްރާ" ކުއިންޓަލަކަށް 12،500 ރުޕީސްގެ އެންމެ ދަށް އަގު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ރުއްތަކުގެ މެދުގައި މޭވާއާއި ތަރުކާރީ އަދި ހަވާދުގެ ބާވަތްތައް ހައްދައިގެން އާމްދަނީ އިތުރުކުރުމުގެ ޕްރޮގްރާމުގެ ދަށުން ކެރަލާގެ 8،089 އަށް ވުރެ ގިނަ ހެކްޓަރުގެ ބިމުގައި 33،000 އަށް ވުރެ ގިނަ ދަނޑުވެރިން ވަނީ ބައިވެރިވެފައެވެ. އަދި ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން އަލަށް ފެށި "ކޮކޮނަޓް ޕްރޮމޯޝަން ސްކީމް" ގެ ދަށުން ގަސްގަހާގެއްސަށް ޖެހޭ ބަލިތަކަށް ފަރުވާކުރުމާއި އާ ރުއް އިންދުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!