އެކި ސަބަބުތަކާ ހުރެ އެއް އަތް ނުވަތަ އެއް ފައި ނެތް މީހުންނަށް ވަކިން އެއް ބޫޓު ގަނެވޭ ގޮތަށް އެޑިޑާސްއިން ކުރިއަށްގެންދާ "ސިންގަލް ޝޫ ސާވިސް" އިޝްތިހާރު ކުރުމަށް އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު ބޭނުންކުރުމާ ގުޅިގެން، އެ ކުންފުނި ބޮއިކޮޓް ކުރުމަށް ގޮވާލާ އަޑުތައް އަނެއްކާވެސް ގަދަވެއްޖެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު ދަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން އެތައް ހާސް ބައެއްގެ އަތްފައި ބުރިވަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލު ސިފައިންގެ މީހަކު މިފަދަ އިޝްތިހާރެއްގައި ބޭނުންކުރުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Ad
rt

އެޑިޑާސްގެ މި އިޝްތިހާރުގައި ބައިވެރިކޮށްފައިވަނީ މެއި 2021 ގައި ޣައްޒާ ކައިރީގައި ހިނގި ހަނގުރާމައެއްގައި ޒަޚަމްވެ، ވާތް ފައި ބުރިވާންޖެހުނު އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޝަލޭވް ބިޓަންއެވެ. މިއަހަރުގެ ޖެނުއަރީ 19 ގައި ވިލާތުގެ ގައުމުތަކުގައި ތައާރަފްކޮށް، މާޗް މަހު ރަސްމީކޮށް އިއުލާންކުރި މި ހިދުމަތް ވިލާތުގެ 23 ގައުމެއްގައި ހުންނަ އެޑިޑާސްގެ އަމިއްލަ ފިހާރަތަކުން ލިބެން ހުރެއެވެ. ނަމަވެސް އިސްރާއީލުގައި މި ހިދުމަތް އިޝްތިހާރުކުރުމަށް ބިޓަން ބޭނުންކުރުމުން، ސްޕޭންގެ މަޝްހޫރު އެކްޓަރު ޚަވިއޭ ބާޑެމް ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެޑިޑާސްގެ އުފެއްދުންތައް ބައިކޮޓްކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލާފައެވެ.

ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އިސްރާއީލުގެ އުދުވާނުގެ ސަބަބުން އަތްފައި ނުކުޅެދޭ ހާލަތަށް ގޮސްފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް މިފަދަ އެއްވެސް ސަމާލުކަމެއް ނުލިބޭއިރު، އަނިޔާވެރިވި ސިފައިންގެ މީހަކު އިޝްތިހާރުގައި ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާގައި 5,000 އަށްވުރެ ގިނަ މީހުންގެ އަތްފައި ވަނީ ބުރިވެފައެވެ. އަދި 22,000 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު، 42,000 އަށްވުރެ ގިނަ މީހުންނަށް ދިގު މުއްދަތުގެ ފަރުވާ ބޭނުންވެއެވެ. ޔުނިސެފުން ހާމަކޮށްފައިވާ ގޮތުގައި، 11,000 އަށްވުރެ ގިނަ ކުޑަކުދިންނަށް ވަނީ އެކުދިންގެ މުޅި އުމުރަށް އަސަރުކުރާނެ ފަދަ ނުކުޅެދުންތެރިކަން ލިބިފައެވެ.

އިސްތަންބޫލް ޒައިމް ޔުނިވަސިޓީގެ ސެންޓާ ފޯ އިސްލާމް އެންޑް ގްލޯބަލް އެފެއާޒްގެ ޑިރެކްޓަރު އަދި ފަލަސްތީނުގެ އެކްޓިވިސްޓް ސާމީ އަލް އަރިއާން ތުރުކީގެ ''އަނަޑޯލޫ އޭޖެންސީއަށް'' ދިން ބަސްދީގަތުމެެއްގައި ބުނެފައި ވަނީ، އެޑިޑާސްއިން ދަނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ މަޝްހޫރު މީހުންނަށް އަމާޒުކޮށް ފިޔަވަޅު އަޅަމުން ކަމަށެވެ. އަދި އެޑިޑާސްއިން އުސޫލުތަކަށްވުރެ ބޮޑަށް ވިޔަފާރީގެ ފައިދާއަށް އިސްކަންދޭތީ، އެކަމުގެ ހައްގު އަދަބު ބައިކޮޓްގެ މާލީ ގެއްލުމުން އެ ކުންފުންޏަށް ލިބެންޖެހޭ ކަމަށް އޭނާ ބުންޏެވެ. އިނގިރޭސިވިލާތުގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ސާމީ ހަމްދީ ބުނި ގޮތުގައި، މެކްޑޮނަލްޑްސް، ސްޓާބަކްސް އަދި ކޭއެފްސީ ފަދަ ކުންފުނިތަކަށް އިސްލާމީ ގައުމުތަކުގައި ބައިކޮޓްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެ، ބްރާންޗްތައް ބަންދުކުރަން ޖެހުނު ފަދައިން އެޑިޑާސްއަށްވެސް މިފަދަ ހާލަތަކާ ކުރިމަތިލާންޖެހިދާނެއެވެ.

މި ފާޑުކިޔުންތައް އެޑިޑާސްއަށް އަމާޒުވެފައި މިވަނީ، ފަލަސްތީނަށް ތާއީދުކުރާ އެމެރިކާގެ މަޝްހޫރު މޮޑެލް ބެލާ ހަދީދާ މެދު އެ ކުންފުނިން އަމަލުކުރި ގޮތުން ބޮޑު ނުރުހުމެއް އުފެދުނުތާ ދެ އަހަރު ފަހުންނެވެ. ޖުލައި 2024 ގައި 1972 ގެ މިއުނިކް އޮލިމްޕިކްސްއަށް ނިސްބަތްކޮށް އެޑިޑާސްއިން ކުރިއަށްގެންދިޔަ ކެމްޕޭނަކުން ބެލާ ހަދީދު އުނިކުރީ އިސްރާއީލުން ކުރި ފާޑުކިޔުންތަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ބެލާ ހަދީދު ވަނީ ގާނޫނީ ފިޔަވަޅު އެޅުމަށް ވަކީލުންގެ ޓީމެއްވެސް ހަމަޖައްސާފައެވެ.

އެ ހާދިސާއާ ގުޅިގެން އެޑިޑާސްއިން ފަހުން ބެލާ ހަދީދާއި، އޭއެސްއޭޕީ ނާސްޓް އަދި ޖޫލްސް ކުންޑޭ ފަދަ ކެމްޕޭނުގައި ބައިވެރިވި އެހެން ފަރާތްތަކުގެ ކިބައިން މާފަށް އެދި، އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ބެލާ ހަދީދު އަނބުރާ ކެމްޕޭނަށް ނެރުމަށް އެޑިޑާސްއިން ދެކޮޅުހެދުމުން ސޯޝަލް މީޑިއާގައި އެ ކުންފުނި ބައިކޮޓްކުރުމަށް ގޮވާލި ގޮވާލުންތައް ވަނީ އިތުރުވެފައެވެ. އަދި މިހާރު އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު އިޝްތިހާރުގައި ބޭނުންކުރުމުން، އެޑިޑާސްއާ ދެކޮޅަށް އުފެދިފައިވާ ނުރުހުން މުޅި ދުނިޔޭގައި އަނެއްކާވެސް މިވަނީ ފެތުރެން ފަށާފައެވެ.